ޚަބަރު

ސަލާމަތްކަމާއި ކުރިއެރުން ހޯދުމަށްޓަކައި ކޮމަންވެލްތު ޤައުމުތައް އެއްބައެއްގެގޮތުގައި ދެމިތިބުމަށް ރައީސް ގޮވާލައްވައިފި


  • ދުވަހުގެ ޝިއާރަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި، ވިލުންތެރިކަން ރަމްޒުކޮށްދޭ ޝިޢާރެއް

  • މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވި

ދުނިޔެ މިހާރު އޮތް ޙާލަތަށް ރިޔާޢަތްކުރައްވައި ސަލާމަތްކަމާއި، ކުރިއެރުން ހޯދުމަށްޓަކައި ކޮމަންވެލްތު ޤައުމުތައް އެއްބައެއްގެ ގޮތުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮމަންވެ؛ްތުގެ މެންބަރު ޤައުމުތަކަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ ކޮމަންވެލްތު ދުވަހާ ގުޅުވައިގެން ފޮނުއްވެވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި ވިދާޅުވީ، ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރުކަމަށެވެ. އަދޮ ކޮމަންވެލްތަށް، އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަމަށާއި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރު ކަމުގައިވާ "ޓުގެދަރ ވީ ތްރައިވް" އަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ޝިޢާރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަނުޖެހުމާއި، ނާއިންސާފުގެ ހިޔަނި ދުނިޔެއަށް އެޅިފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ އުނދަގޫ ވަގުތެއްގައި ސަލާމަތްކަމާއި ކުރިއެރުން ހޯދުމަށްޓަކައި، މުޅި ކޮމަންވެލްތުން ބައިވެރިވެގެން ހިންގާ ހަރަކާތުގެ ބުރަދަން ދެނެ ތިބެ، އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ގޮވާލައްވާފައެވެ.

ދިވެހިރާއްޖެ ފަދަ ކުދި ދައުލަތްތަކުގެ ޙައްޤުގައި އަޑުއުފުލައި، މޫސުމީ ވިލުންތެރިކަމާއި، މާލީ ވަޞީލަތްތަކަށް ފުރުޞަތު ފަހިކުރުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުން ފަދަ، ޚާއްސަކޮށް ކުދި ދައުލަތްތަކުގެ މަސްލަޙަތު ހުރި ކަންކަމުގައި ކޮމަންވެލްތުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ އިންސާނީ ޙައްޤުތަކާއި، ހެޔޮ ވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ކޮމަންވެލްތުން އެއްބައިވަންތަކަމާއި އެއްބާރުލުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދިން ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގެ ނަތީޖާ، ޢަމަލީގޮތުން ދެއްކުމަށް، އެކުގައި މަސައްކަތްކުރުން ލާޒިމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކޮމަންވެލްތުގެ ކޮންމެ ފަރުދެއްގެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ކޮމަންވެލްތާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށްވެސް ވިދާޅުވިއެވެ.