ޚަބަރު

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ބަހައްޓަނީ


  • ޑިމާންޑް ބޮޑުވާ ވަގުތުތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަވާނެ

  • ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތްކުރަމުން

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ހެދުމަށް ސްޓެލްކޯއިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމާގުޅެގެން އެމްޓީސީސީން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކުރާ ޓޭންކުތަކުގެ ސަބަބުން ކަރަންޓުގެ ޑިމާންޑް އެންމެ ބޮޑުވާ ވަގުތުތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ.

މާލެ ސަރަޙައްދުގައި އިތުރުވަމުން އަންނަ އާބާދީއަށް، ދެމެހެއްޓެނިވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް، ހުޅުމާލޭގައި ވަގުތީ އިންޖީނުގެއެއް ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން 13 ޖަނަރޭޓަރު ބަހައްޓައި، ގްރިޑަށް ޖުމްލަ 17 މެގޮވޮޓްގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރާނެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ. މި އެއްބަސްވުމުގެ ދަށުން 80،000 ލީޓަރުގެ ތެޔޮ ރައްކާކުރާ ދެ ޓޭންކު ޤާއިމްކުރާނެއެވެ.

މިދުވަސްވަރަކީ ހޫނު ދުވަސްވަރަކަށްވުމާއެކު ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިވަގުތު މާލޭ ސަރަޙައްދުގައި ޕީކް ގަޑީގައި ބޭނުންކުރާ ކަރަންޓު 98 މެގަވޮޓްއަށް އަރައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު މިއަށްވުރެ އިތުރުވާނެކަމަށް ސްޓެލްކޯއިން ލަފާކުރައްވައެވެ.

ސްޓެލްކޯއިން އަންދާޒާކުރަނީ މި ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ ކެޕޭސިޓީ 120 މެގަވޮޓްއަށް އިތުރުވެގެންދާނެކަމަށްކަމަށެވެ. ނަމަވެސް އަލަށް ބޭނުންކުރާ 17 މެގަވޮޓްގެ ވަގުތީ އިންޖީނުގެއާއެކު، އިތުވާ ކޭޕޭސިޓީއަށް ދަތިކަމެއް ނެތި ޚިދުމަތް ދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި މިހާރު ކަރަންޓުގެ ޚިދުމަތްދެނީ، މާލެއާއި ހުޅުމާލެ ހިމެނޭހެން ގުޅިފައިވާ ވިއުގައަކުންނެވެ.