ރިޕޯޓް

އިންޑިއާ އާއި ދިވެހިރާއްޖޭގެ ތާރީޚީ ވާދަވެރިކަން


އިންޑިޔާ އަތުން އަހަރުމެން މޮޅުނުވާންވީ ސަބަބެއް ނެތް! މިއީ މިއަދު ގިނަ ދިވެހިންގެ ޝުއޫރެވެ. ހަގީގަތުގައި ވެސް ދިވެހިންނަކީ ކާމިޔާބު ބައެކެވެ. މިލޮބުވެތި ވަތަނަށް ނިސްބަތްވާ ކޮންމެ މީހަކު ވެސް، ކޮންމެ ސިކުންތެއް، ކޮންމެ ދުވަހެއް ހޭދަކުރަމުން މިދަނީ ގައުމީ ހިދުމަތުގައެވެ. ދިވެހި ދިދަ ފަހުރުވެރިކަމާއެކު މިނިވަން ޖައްވެއްގައި ވިހުރެމުން އެހެރަދަނީ ވެސް ތިބާއަށްޓަކައެވެ. ދިވެހި ގައުމުގެ ވަތަނީ ނިދާ އަކީ ދިވެހި ދިދަ ކޮންމެ ތަނެއްގައިވިޔަސް ދިވެހިންނަށް ކާމިޔާބު ހޯދައިދިނުމެވެ. އެ ދިދަ މޭމަތީގައި
ޖަހައިގެން ތިބި އަހަރުމެންގެ ކުޅުންތެރިން ކުރިބޯށި ހޯދުމަށް ގަދަ އަޅައި މަސައްކަތް ކުރުމެވެ.

ގައުމީ ދިދަ ހިފައިގެން ގައުމު ތަމްސީލު ކުރަން އެންމެ ގިނައިން ނުކުންނަ ބަޔަކީ ކުޅިވަރު ކުޅުންތެރިންނެވެ. ހާއްސަކޮށް ދިވެހި ގައުމީ ފުޓްބޯޅަ ޓީމެވެ. އެ ޓީމަކީ މަގޭ ޓީމެވެ. ދިވެހިންގެ ފަހުރެވެ. އެއީ ދިވެހިން އެންމެ ލޯބިވާ ޓީމެވެ. މުޅި ގައުމު އެއްބައިވަންތަކޮށް، އެއް އަޑަކުން މުޅި ދިވެހި ޖައްވު ގުގުމައިދިނީ މަގޭ ފުޓްބޯޅަ ޓީމު ހޯދި ރަންވަނަތަކުންނެވެ. ހުރިހާ ހިޔާލު ތަފާތުވުންތަކެއް އެއްފަރާތްކޮށް ކޮންމެ ދިވެއްސަކަށް ވެސް މަގޭ ގައުމު އިސްކުރަން ޖެހުނު މައިގަނޑު ސަބަބަކީ ދިވެހި ގައުމީ
ފުޓްބޯޅަ ޓީމެވެ. ދިވެހިން ފުޓްބޯޅައިން މިހާތަނަށް އެންމެ އުފާވި ދުވަސްތަކަކީ އިންޑިޔާގެ ފުޓްބޯޅަ ޓީމު ބަލިކޮށް، ކާމިޔާބު ހޯދި ދުވަސްތަކެވެ.

1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހިމެޑަލް ހޯދުމާ ހަމައަށް ވެސް އޭގެ ފަހުން ވެސް ދިވެހިން އެދޭ ކާމިޔާބީއާ ހަމައަށް ދިއުމުގެ މައިގަނޑު ހުރަހަކަށްވީ އިންޑިޔާއެވެ. އެމީހުންގެ ވަރުގަދަކަމާއި، ތަޖުރިބާގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން ޖެހުނީ މަދު ފަހަރަކުނޫނެވެ. މިފަދަ އެއް މިސާލަކީ ސަރަހައްދީ ގައުމުތައް ބަލިކޮށް، އުދުހިފައި ފައިނަލަށް ދިޔަ ނަމަވެސް، 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި އިންޑިޔާ އަތުން އަހަރުމެން 5-1އިން ބަލިވުންނެވެ. އެކަމަކު މި ދެ ފައިނަލަކީ ތައްޓަކަށް ދިވެހިން ކުރަމުންދިޔަ އުއްމީދު މާބަނޑުން ނުކުތް ދެ ފައިނަލެވެ.

އިންޑިޔާ އާއި ސަރަހައްދީ ގައުމު ތަކުން ދިވެހިންނަ ށް ކުރިއަށްވުރެ ބޮޑު އިހްތިރާމެއް ދޭން ފެށީ 97ގެ ފައިނަލަށް ފަހު، 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގައި އިންޑިޔާގެ މައްޗަށް ދިވެހިން ކާމިޔާބު ހޯދުމުންނެވެ. އެއީ އަހަރުމެން ވެސް މޮޅުވާނެކަން ޔަގީންކޮށްދިން ތާރީހީ މެޗެވެ.

އިންޑިޔާ އާއި ރާއްޖޭގެ ކޮންމެ ކުރިމަތިލުމަކީ ވެސް ތާރީހީ އަދި ވާދަވެރި މެޗެކެވެ. އައިއެމް ވިޖެޔަން އާއި ބައިޗުން ބުޓިޔާ އިން ފެށިގެން ގޮސް ސުނިލް ޗެތްރީއާ ހަމައަށް ވެސް އޮތީ ވާދަވެރިކަމެވެ. ރާއްޖެއިން މޫސާ މަނިކު (ކުޑަމޫސަ) އާއި ތޮއްޑޫ މުހައްމަދު ނިޒާމާއި ހުރާގެ އަލީ ޝިހާމާއި އޭގެ ފަހުން އަލީ އަޝްފާގް (ދަގަނޑޭ) ގެ ފަރި ކުޅުމާއެކު މި ދެ ގައުމުގެ ވާދަވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.

ފުޓްބޯޅައިން ތައްޓަކަށް ދިވެހިން ކުރަމުންދިޔަ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެހުނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައެވެ. ސްރީލަންކާގެ ސުގަތަދާސަ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގައި ރާއްޖޭގެ މުހުތާރު ނަސީރު އުންޑައެއްހެން ފޮނުވާލި ބޯޅަ އިންޑިޔާގެ ގޯލް ފޫއަޅުވާލުމާއެކު އެ ސްޓޭޑިއަމް ގުގުމައިގަތީ ސާބަހާއި ތައުރީފުގެ އަތްތިލަބަޑިންނެވެ.

އުފަލުގެ ކަރުނައިން މުޅި ގައުމު ތެންމާލީ ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ ތައްޓެއް ލިބުމުގެ އުފާވެރި އިހުސާސާއެކުއެވެ. މި އުފާވެރިކަން މުޅި ގައުމަށް ފެތުރި ޖެހިގެން އައި ދުވަހަކީ އުފާފާޅު ކުރުމުގެ ގޮތުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ދިވެހިން ސަރުކާރުން ހަމަޖެއްސީ މަގޭ ޓީމަށް ސަޕޯޓް ކުރުމަށް އަ ވައްޓެރި ސިލޯނަށް ދަތުރުކުރި ދިވެހިންގެ އަދަދު ގިނަކަމުންނާއި ރާއްޖޭގައި އެ ދުވަހު އޮތް އާދަޔާ ހިލާފު އުފަލެއްގެ ސަބަބުންނެވެ. ރަސްމީ އިއްޒަތުގައި ދިވެހި ޓީމު ގައުމަށް ފޭބީ
ފަހުރުވެރިކަމާއެކުއެވެ.

މިއީ ބިލިއަނަކަށްވުރެ ގިނަ މީހުން ތިބި އިންޑިޔާ އަށް ހަޖަމް ނުކުރެވުނު ބައްޔެކެވެ. އޭގެ ފަހުން އިންޑިޔާ ދިވެހިރާއްޖޭގެ ކޮންމެ ކުރިމަތިލުމަކީ ދިވެހިންގެ ހިތުގައި ކާމިޔާބުގެ ވިންދު ޖަހައިގަންނަ މެޗެކެވެ.

އެކުވެރިކަމުގެ މެޗެގައި އިންޑިޔާގެ އިރު އިތުރުގައި އޮންނަ ޝިލޮންގްގެ ޖަވާހިރްލާލް ނެހުރޫ ސްޓޭޑިއަމަށް ކޯޗު އަލީ ސުޒޭން މަގޭ ޓީމު ގޮވައިގެން މިމަހުގެ 19ވަނަ ދުވަހު ނުކުންނަ މެޗުގައި ވެސް ދިވެހި ކުރަނީ މޮޅުވުމުގެ އުއްމީދެކެވެ. އަހަރުމެންގެ ކޮންމެ ކުޅުންތެރިއަކީ ވެސް ގައުމަށްޓަކައި 100 ޕަސެންޓް ދޭނެ ބައެކެވެ. ދިވެހިންނަކީ މިހާރު ފުޓްބޯޅައިން ބަލި ގަބޫލުކުރާނެ ބައެއް ނޫނެވެ. މިލޮބުވެތި ވަތަނުގެ ނިދާ އަކީ ގައުމީ މިއެކުވެރިކަން މަތީގައި ތިބެ ކުރާ ސަލާމާއެކު ނަސްރާ ނަސީބާއި ކާމިޔާބު
ދިވެހި ފުޓްބޯޅަ ޓީމު ހޯދުމެވެ.