ކުޅިވަރު

ތަށި ލިބިއްޖެނަމަ ރޯހިތާއި ވިރާޓް ރިޓަޔާކުރަނީ


ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ތަށި އިންޑިއާއަށް ލިބިއްޖެނަމަ ކެޕްޓަން ރޯހިތު ޝަރުމާ އާއި ވައިސް ކެޕްޓަން ވިރާޓް ކޯލީ ރިޓަޔާކުރާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނަން ފަށައިފިއެވެ.

ގިނަ މީޑިއާތަކުން ބުނަނީ މަދުވެގެން ކޮންމެވެސް އެއް ކުޅުންތެރިއަކު ކުޅުން ހުއްޓާލާނެ ކަމަށެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން މިހާތަނަށް އިންޑިއާ ޓީމުގެ ތެރޭގައި އެއްވެސް ވާހަކަ އެއް ނުދެކެވޭ ކަމަށް ވައިސް ކެޕްޓަން ޝުބްމަން ގިލް ބުންޏެވެ.

ރޯހިތާއި ވިރާޓަކީ ވައިޓްބޯލް ކްރިކެޓްގައި ވަރަށް ރަނގަޅަށް ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ. އަދި މި ދެ ކުޅުންތެރިން ތިބީ ވެސް މިވަގުތު ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ނަމަވެސް ރޯހިތަށް އިންޑިޔާގެ އެތެރެއިން ތަފާތު ސަބަބުތަކާހުރެ ގިނަ ފާޑުކިއުންތަކެއް އަބަދުވެސް އަމާޒުވެ އެވެ. މިއާ ޚިލާފަށް ވިރާޓް ވަނީ މި މުބާރާތުގައި ބެޓިން ހާއްސަ ރެކޯޑްތަކެއް ހަދައިފަ އެވެ.

"ތިކަމާ ގުޅޭ އެއްވެސް ވާހަކަ އެއް ޗޭންޖިން ރޫމުގައި ނުދައްކާ. ރޯހިތަކީ އަހަރެންނާއެކު ކުޅުނު އެންމެ ރަނގަޅު އެއް ޕާޓްނަރު. އަދި ރޯހިތަކީ އިނިންގްސް އޯޕަނިންގައި ދުނިޔޭގެ އެންމެ މޮޅު އެކަކު އަދި ވިރާޓުވެސް. އަހަރުމެން މިހެން އެމީހުން ގާތުގައި ނުބުނަން. މި ޓީމުގައި ބެޓްސްމަނުން ތިބުމާއެކު ބެޓިން ލައިންއަޕުގައި އޮންނަނީ ވަރަށް ފްރީ ރޯލެއް،" މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ގިލް ބުންޏެވެ.

އޭނާ އަދި ބުނީ އެންމެ ފަހުގެ މުބާރާތް އިންޑިޔާ އަށް ނާކާމިޔާބުވެފައިވާތީވެ މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރަން ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ފޯރީގައި ކަމަށެވެ.

ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި މިއަދު ކުޅޭ ފައިނަލް މެޗުގައި އިންޑިޔާ ނުކުންނާނީ ނިއުޒިލެންޑާ ދެކޮޅަށެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ޕާކިސްތާނުގައި ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަކީ ފެށީ އަށް ގައުމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލަށް އިންޑިޔާ ދަތުރު ކުރީ ސެމީ ފައިނަލުގައި އޮސްޓްރޭލިޔާ ބަލިކޮށްފަ އެވެ. ނިއުޒިލެންޑް ފައިނަލަށް އައީ ދެކުނު އެފްރިކާ ބަލިކޮށްފަ އެވެ. އަދި މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވާ ހަމައެކަނި ގައުމަކީ ވެސް އިންޑިޔާ އެވެ.

މި މުބާރާތުން އެންމެ ފުރަތަމަ ކެޓީ މުބާރާތް ބާއްވާ ގައުމު ޕާކިސްތާނެވެ. އެ ގައުމުގައި މުބާރާތް ބޭއްވި ނަމަވެސް ފައިނަލް މެޗު ދުބާއީގައި ކުޅެނީ ވެސް އިންޑިޔާގެ ސަބަބުންނެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ނިންމާފައިވަނީ މި މުބާރާތުގައި އިންޑިޔާގެ ހުރިހާ މެޗެއް ވެސް ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުމަށެވެ. އެއީ ސިޔާސީ ވާދަވެރިކަމުގައި އިންޑިޔާ ސަރުކާރުން އެ ގައުމުގެ ޓީމު ޕާކިސްތާނަށް ނުފޮނުވަން ނިންމުމުންނެވެ.

މިކަމާހެދި މުބާރާތުގައި ކުޅޭ އެހެން ޓީމުތަކުގެ އެންމެ ބޮޑު ޝަކުވާ އަކީ އެއް ސްޓޭޑިއަމެއްގައި އިންޑިޔާގެ ހުރިހާ މެޗެއް ކުޅެން ޖެހުމުން އެ ގައުމަށް ވަރަށް ބޮޑު އެޑްވާންޓޭޖްތަކެއް ލިބެމުން އަންނަ ވާހަކަ އެވެ. އެއީ ދަތުރު ކުރަން ނުޖެހި ގިނަ ވަގުތު އަރާމު ކުރަން ފުރުސަތު ލިބި އެއް ހޮޓަލެއްގައި ތިބުމުގެ ފުރުސަތު އިންޑިޔާ ޓީމަށް ތަނަވަސްވެފައިވާ ކަމަށްބުނެ އެވެ.