ޚަބަރު

ރާއްޖޭގެ ސަރަހައްދު ހިމާޔަތްކުރުމަށް ރައީސް އެޅުއްވި ފިޔަވަޅުތަކަކީ ޒަމާނަށް ފެތޭ ޔަގީން ފިޔަވަޅުތަކެއް


  • ތުރުކީވިލާތުގެ އަސްކަރީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ދަނީ ހޯދަމުން

  • ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓޭނެ ޤާބިލުކަން ވަނީ ލިބިފައި

އަދުގެ ލާމެހިފައިވާ ދުނިޔޭގައި ޤައުމުތަކުގެ އަމަންއަމާންކަމާ ސުލްހަ މަސަލަސްކަމަށް ހުރަސްތައް ކުރިމަތިމަތިވަނީ އެކި ސިފަސިފާގައެވެ. އެކި ޤައުމުތަކަށް ނުރައްކާކުރިމަތިވަނީ އެކި މިންވަރަށެވެ. އެހެންކަމުން ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ސަލާމަތާ ރައްކާތެރިކަމަށް އެންމެ މަތީ މިންވަރަށް ފިޔަވަޅުތައް އަޅައެވެ. މިކަން ހާމަވަނީ އަދުގެ ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް ކެނޑިނޭޅި އަސްކަރީ ޤާބިލުކަމަށް ކުރަމުންދާ މަސައްކަތުންނެވެ.

ފަންސާސް މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ އިޓަލީވިލާތުން ނިމިދިޔަ ހަފްތާގެ ތެރޭގައިވަނީ ތުރުކީވިލާތާ ދެމެދު އަސްކަރީ ދާއިރާއިން މުހިންމު އެއްބަސްވުމެއް އެކުލަވާލާފައެވެ. ތަރައްޤީއާ ތަހުޒީބުގެ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އިޓަލީވިލާތާއި ތުރުކީވިލާތާ ދެމެދުގައި އެކުލަވާލި އެއްބަސްވުމަކީ ޕައިލެޓަކާ ނުލާ ދުއްވާ ޑްރޯން ނުވަތަ އަންމޭންޑް އޭރިއަލް ވެހިކަލް، ޔޫއޭވީ އުފެއްދުމާ ގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އިޓަލީވިލާތުން ތުރުކީވިލާތުގެ އެހީތެރިކަން ހޯދާނީ ޑްރޯން އުފެއްދުމާ ފަރުމާކުރުމުގެ ދާއިރާއިންނެވެ.

ތުރުކީވިލާތުގެ ޑްރޯން އުފައްދާ މަޝްހޫރު ކުންފުނި ބައިކަރއާ އިޓަލީވިލާތުގެ އަސްކަރީ މަތިންދާބޯޓު އުފެއްދުމުގެ ސިނާޢަތުގެ ކުންފުނި ލޮއޮނާޑޯއާ ދެމެދުގައި އެކުލަވާލި އެއްބަސްވުމާ ގުޅޭގޮތުން އިޓަލީވިލާތުގެގެ ކުންފުނިން ނެފައިވާ ބަޔާނުގައި ވަނީ މި އެއްބަސްވުން ބިނާވެފައިވަނީ ޕައިލެޓަކާނުލާ ދުއްވާ އަސްކަރީ އުޅަނދުތަކުގެ ދާއިރާއިން އެ ދެ ކުންފުނި ގުޅިގެން މަސައްކަތްކޮށް އެއްބާރުލުން ދިނުމުގެ މައްޗަށްކަމަށެވެ. އަދި ޕައިލެޓަކާނުލާ ދުއްވާ ޑްރޯން ފަރުމާކުރުމާ، ތަރައްޤީކުރުމާ އުފެއްދުމާ މަރާމާތުކުރުމުގެ މައްޗަށްކަމަށްވެސް ބަޔާނުގައިވެއެވެ.

މިއީ ތަރައްޤީވެފައިވާ ޤައުމަކުން އެ ޤައުމެއްގެ ސަލާމަތާ ރައްކާތެރިކަމަށް އެޅި މުހިންމު ފިޔަވަޅެކެވެ. މިކުޑަކުޑަ ދިވެހިރާއްޖެވެސް ވަނީ ތުރުކީވިލާތުން އަސްކަރީ ޑްރޯން ހޯދައި އެ ބޭނުންކުރަން ފަށައިފައެވެ. ބޭނުމަކީ ކޮބައިތޯއެވެ.

ދިވެހިރާއްޖެއަކީ އިޤްތިޞާދީ ހަރަކާތްތައް ހިންގުމުގައި ދުނިޔޭގައި އެންމެ ބާރުބޮޑު އެއް ސަރަހައްދުގައި އޮންނަ ޤައުމެކެވެ. ދުނިޔޭގައި އެންމެ ގިނަ އުޅަނދުފަހަރު ދަތުރުފަތުރުކުރާ މަގުގައި ދިވެހިރާއްޖެ އޮތުމަކީ ރާއްޖޭގެ ސަރަހައްދަށް ސަލާމަތާ ރައްކާތެރިކަން ބޭނުންވާ ސަބަބެކެވެ.

އިންޑިއާކަނޑުގައި ދަތުރުކުރާ ކަނޑުފޭރޭ މީހުންގެ ނުރައްކަލާއި، ޑްރަގް ނެޓުވޯކް ނުރައްކަލަކީވެސް ރާއްޖެއާއި ސަރަހައްދީ ޤައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ކަނޑުރޯދިން ދިރިއުޅެމުން އަންނަ ބަޔަކަށްވެފައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަކީވެސް މިއަދު މުހިންމު ކަމަކަށްވަނީ ވެފައެވެ. އެކަމަށް އަސްކަރީ ޤާބީލުކަން އިތުރުކުރުމަށް މުހިންމުނަމަވެސް މިހާތަނަށް ފާއިތުވި ސަރުކާރުތަކުން މިކަމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވިދާޅުވި އެއް ވާހަކަފުޅަކީ ރާއްޖޭގެ އިގުތިޞާދީ ސަރަހައްދު ބަލަހައްޓާނީ ދިވެހީން އަމިއްލައަށްކަމެވެ. އެހެން ބަޔަކަށް ބަރޯސާ ނުވާނެކަމެވެ. އެމަނިކުފާނުގެ އެ ވިދާޅުވުމުގެ މަތީގައި ދެމިހުންނެވިިކަން ފާއިތުވި ތަނުގައި ވަނީ ސާބިތުކޮށްދެއްވާފައެވެ.

ދިވެހީންގެ އަމިއްލަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް، ތުރުކީވިލާތުން އަސްކަރީ ޑްރޯންތަކެއް މިދިޔަ އަހަރުގެ މާރިޗު މަހުގެތެރޭގައި ގެންނަވައި ވަނީ އުދުއްސަން ފަށްޓަވާފައެވެ. ޕައިލެޓަކާ ނުލާ އޮޕަރޭޓުކުރާ އަންމޭންޑް އޭރިއަލް ވެހިކަލް، ޔޫއޭވީތައް ދުއްވުމަށް ދިވެހި ސިފައިން ތަމްރީންކޮށް ރާއްޖޭގެ އިޤްތިޞާދީ ސަރައްދު ބެލެއްހެއްޓުމުގެ ފުރިހަމަ ކޮންޓްރޯލް ދިވެހި އަސްކަރިއްޔާއިން ނެގިއެވެ. މި ޑްރޯންތަކަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު އެތައްހާސް ފޫޓެއް މަތިން އުދުއްސޭ އުޅަނދުތަކެކެވެ.

މި ޤާބިލުކަން އިތުރުކުރުމަށް ރައީސް ވަނީ ދިވެހި އަސްކަރިއްޔާގައި ވައިގެ ސިފައިންގެ ޚިދުމަތް "އެމްއެންޑީއެފް އެއަރ ކޯރ" ވެސް އުފައްދަވާފައެވެ. މިއާއެކު ރާއްޖޭގެ ސަރަހައްދުގެ ކަނޑުގެ އެކި ހާދިސާތަކާއި ގުޅިގެން ކާމިޔާބު އެތައް ރެސްކިއު އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.

ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދިވެހިންނަކީ އަމިއްލަ ބާރުވެރިކަމާއި މިނިވަންކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ. އެއީ ކޮންމެ ދިވެއްސެއްގެ ވެސް ހައްގެކެވެ. އެކަން ކުރުމަކީ އެމަނިކުފާނުގެ އެންމެ މަތީ ޒިންމާ ކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ތުރުކީވިލާތަކީ އަސްކަރީ ޑްރޯން އުފެއްދުމުގައި ދުނިޔޭގެ އެންމެ ޤާބިލު އެއް ޤައުމެވެ. އިއްޔެ ދިވެހިރާއްޖެއިން ތުރުކީވިލާތުން ޑްރޯންތައް ހޯދީއެވެ. މިއަދު އިޓަލީވިލާތުންނެވެ. އަދިވެސް އެހެން އެތައް ޤައުމަކުން އަސްކަރީ ޑްރޯންތައް އުފެއްދުމާ ފަރުމާކުރުމުގައި ތުރުކީވިލާތުގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ. ސަބަބަކީ އަސްކަރީ ޤާބިލުކަން އިތުރުކޮށް، ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

ރައީސްގެ މި ނިންވުންތަކުން ދިވެހިންނަށް ސާބިތުވީ ދިވެހިރާއްޖޭގެ ސަރަހައްދު ހިމާޔަތްކުރުމަށް އެމަނިކުފާނު އެޅުއްވި ފިޔަވަޅުތަކަކީ ޒަމާނަށް ފެތޭ، ޔަގީން ފިޔަވަޅުތަކެއްކަމެވެ. އެއްވެސް ޤައުމެއްގެ އަޅުވެތިކަމުގެ އުނގަށް ނުވެއްޓި ސަލާމަތާ ރައްކާތެރިކަން ހޯދިދާނެކަމެވެ.