ޚަބަރު

"އައިޓީބީ ބަރލިން 2025" ކާމިޔާބު، ފަތުރުވެރިން ގެނައުމަށް ބޮޑު ބާރަކަށްވެގެންދާނެ: ވަޒީރު ޠާރިޤު


  • މި ފެއަރއަކީ ޔޫރަޕްގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރ

  • ރާއްޖެއިން 200 ފަރާތަކުން ފެއަރގައި ބައިވެރިވި

މިއަހަރުގެ އައިޓީބީ ފެއަރ ކާމިޔާބުކަމަށާއި، ފެއަރގެ ސަބަބުން ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ބޮޑު ބާރަކަށްވެގެންދާނެކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އައިޓީބީ ބަރލިން ފެއަރ ނިމުމާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

"އައިޓީބީ ބަރލިން 2025" ނިމިފައިވާއިރު މިއީ ރާއްޖެއިން މި ފެއަރގައި ބައިވެރިވި 41ވަނަ ފަހަރެއެވެ. މިއީ ޔޫރަޕްގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރއެވެ.

މިއަހަރުގެ ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލްކުރާ 200 މަންދޫބުން ބައިވެރިވެފައިވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވީ، ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އެގޮތުން ރާއްޖެއިން ބޭއްވި ސެމިނަރގައި، ދާއިރާގައި މަސައްކަތްކަތް ކުރާ ބޭރުގެ ފަރާތްތަކަށް މުހިންމު މަޢުލޫމާތަކެއް ފޯރުކޮށްދެވުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސެމިނަރ ބާއްވާފައިވަނީ "ދަ ނެކްސްޓް ޗެޕްޓާ އޮފް މޯލްޑިވްސް ޓޫރިޒަމް - ބާލިން އެޑިޝަން"ގެ ނަމުގައި އެމްއެމްޕީއާރްސީއިންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި، ކުރިމަގުގައި މި ދާއިރާ ތަރައްޤީވެގެންދާނެގޮތުގެ ތަޞައްވުރާއި ވިސްނުން ބޭރުގެ ފަރާތްތަކާ ޙިއްސާކުރެއްވުމަށް ބޭއްވި ސެމިނާއެކެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއިން ބައިވެރިވި ކުންފުނިތަކުން، ބޭރުގެ ޓުއަރ އެޖެންޓުންނާ އޮޕަރޭޓަރުންނާ ބައްދަލުކޮށް، ފަތުރުވެރިކަން އިޝްތިހާރުކޮށް، ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ދީފައިވާކަމަށެވެ.

"މި ފެއަރ އެހާ މުހިންމު ވަނީ މިއީ ޖަރުމަނާ އަދި ކައިރި ހިސާބުތަކުން އެންމެ ގިނައިން މީހުން ޒިޔާރަތްކުރާ ފެއަރ ކަމަށްވާތީ. ބިޒްނަސް ޓު ބިޒްނަސް ކޭޓަރކުރުމުގެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ލިބޭ" ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވަކިވަކި އޮޕަރޭޓަރުންނާއެކުވެސް މުހިންމު ގިނަ ބައްދަލުވުންތައް ބޭއްވިކަމަށެވެ. އެގޮތުން އެއަރލައިންތަކާއި، ޓުއަރ އޮޕަރޭޓަރުންނާ އެޖެންސީތަކާ މުހިންމު މަޝްވަރާތައް ކުރިއަށްގެންދެވިކަމަށެވެ.

މީގެއިތުރުން އައިޓީބީގައި ބައިވެރިވި ދިވެހި ކުންފުނިތަކާއި ޕައިނިއަރުންނާ ވަޒީރު ބައްދަލުކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ދެން ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް މުހިންމު ޚިޔާލުތަކެއް ޙިއްސާކުރެއްވިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވީ ރައީސްގެ ތަޞައްވުރާއެކު، މިދިޔަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މި އަހަރަށް ކަނޑައެޅި ޢަމާޒު 2.3 މިލިއަން ފަތުރުވެރިން ގެނައުމުގެ ޢަމާޒަށް ވާސިލްވެވޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ.

މިއަހަރު އިތުރު ފެއަރތަކުގައި ބައިވެރިވެ ރާއްޖެ އިޝްރުކުރުމުގެ އިތުރު ހަރަކާތްތައްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.