ޚަބަރު

ހަވީރުގެ މުވައްޒަފުންގެ މައްޗަށް ކުރި ޙުކުމް އިސްތިއުނާފް ކުރަނީ


ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުންނަށް އެހެން މީޑިއާއެއްގައި ގައި މަސައްކަތްކުރާނަމަ އެ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ސިވިލްކޯޓުން ކުރައްވާފައިވާ އަމުރަކީ ޤާނޫނޫ އަސާސީއާއި ގާނޫންތަކާއި ހިލާފަށްކޮށްފައިވާ އަމުރެއްކަމަށް ގަބޫލުކުރެއްވޭތީ އެ މައްސަލަ އިސްތިއުނާފްކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނައިބް ނިންމަވައިފިއެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ވިދާޅުވީ ނޫސް މަޖައްލާތަކުގައި މަސައްކަތް ކުރަމުންދާ ވަކި ވަކި މުވައްޒަފުންނާއި މެދު ވަކި ތަނެއްގައި މަސައްކަތް ކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު މިހާރު އަމަލުކުރަމުންދާ ޤާނޫނޫ އަސާސީންވެސް އަދި އެއްވެސް ޤާނޫނަކުން ހޯމް މިނިސްޓްރީއަށްވެސް އަދި ސަރުކާރުގެ އެހެން އެއްވެސް ވުޒާރާއަކަށް ލިބިގެންނުވާކަމަށެވެ. އެހެންކަމުން ސިވިލްކޯޓުން ކުރައްވާފައިވާ އަމުރަކީ ޤާނޫނީ ގޮތުން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމެއް ނެތި ޤާނޫނޫ އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށްކުރައްވާފައިވާ އަމުރެއްކަމަށެވެ.

ހަވީރު ނޫހުގެ ހިއްސާއާއި ގުޅިގެން ސިވިލްކޯޓަށް ހުށައެޅި މައްސަލާގައި ދައުވާކުރި ފަރާތްތަކުން ވަކިވަކި މުވައްޒަފަކަށް ފިޔަވަޅު އަޅާދިނުމަށް އެދިފައިނުވާއިރު ހަވީރުގެ ކުރީގެ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅަން އަންގަވާ ސިވިލްކޯޓުން ކުރައްވާފައިވާ ހުކުމަކީ ރާއްޖޭގެ އަދުލް އިންސާފު ޤާއިމްކުރުމުގެ އެންމެ މަތީ ބާރު ސުޕްރީމްކޯޓުން ކަނޑައަޅުއްވާފައިވާ އުސޫލްތަކާއި ޚިލާފް ނިންމެވުމެއްކަމެއްވެސް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާގައި މަސައްކަތް ކުރާނަމަ އެމީހުންނާއި މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީއާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މައްޗަށް ކުރައްވާފައިވާ އަމުރު ހައިކޯޓްގައި އިސްތިއުނާފްކުރައްވަން ނިންމަވާފައިވާކަމަށްވެސް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.

ހަވީރު ނޫހުގައި ކުރިން މަސައްކަތް ކުރި އެއްވެސް މުވައްޒަފަކު މިމަހުގެ 3 ވަނަ ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށް އެހެން މީޑިއާއެއްގައި މަސައްކަތް ކުރާނަމަ އެ މައްސަލައެއް ހޯމް މިނިސްޓްރީ އަށް ނުވަތަ ކަމާއި ބެހޭ އެއްވެސް މުވައްސަސާއަކަށް ހުށައަޅުއްވައިފިނަމަ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ސިވިލްކޯޓުން ހުކުމްކުރައްވާފައިވެއެވެ.

އެ ހުކުމާއި ގުޅިގެން ހަވީރުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތްކުރި ނަމަވެސް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތްކަމަށް ދައުލަތުގެ ބަންޑާރަ ނައިބް އަލުއުސްތާޒު މުހައްމަދު އަނިލް ވިދާޅުވެފައިވޭ. އެ ވާހަތަކަށް ސިވިލްކޯޓުން ރައްދުދެއްވާ މިމަހުގެ  ހަތަރުވަނަ ދުވަހު ނެރުނު އަމުރެއްގައި ވަނީ ބަންޑާރަ ނައިބްގެ އެވާހަތަކަކީ ބާތިލް އެ މައްޗަށް އަމަލުނުކުރެވޭނެ ވާހަކަތަކެއްކަމަށެވެ.

އެ ކޯޓުން ނިންމަވާފައިވާ ނިންމެވުން އެއަށް ވުރެ މަތީ ކޯޓަކުން ބާތިލު ނުކުރާ ހިނދަކު އެ ހުކުމާއި އެއް ގޮތަށް ހުކުމް ރައްދުވާ ފަރާތުންނާއި ދައުލަތުގެ އެންމެހާއި ވުޒާރާތަކާއި މުވައްސަސާތަކާއި އަދި ދައުލަތުގެ ކަންކަމާއި ހަވާލުވެ ތިއްބެވި އެންމެހާ ފަރާތަކުން އެމައްޗަށް އަމަލުކޮށް ކިޔަމަންގަންނަންޖެހޭ ހުކުމެއްކަމަށްވެސް ސިވިލްކޯޓްގެ އަމުރުގައިވެއެވެ.