ޚަބަރު

ރަސްފަންނާއި ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގެ ޕްލޭންތައް ހަދަނީ، ދާއިމީ ބަދަލުތައް ރޯދައަށްފަހު


  • ރަސްފަންނުގައި ފާޚާނާ ބަރިއަކާއި، މަސްބާނާ ޕްލެޓްފޯމު ރޯދައަށްފަހު ހަދާނެ

  • ރަސްފަންނާއި ސަލްޓަން ޕާކަށްވެސް ޒަމާނީ ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައި

ރަސްފަންނާއި ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގެ ޕްލޭންތައް ހަދަމުންދާކަމަށާއި، ދާއިމީ ބަދަލުތައް ގެނައުމުގެ މަސައްކަތް ރޯދައަށްފަހު ފެށިގެންދާނެކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރަސްފަންނު ސަރަޙައްދު ވަގުތީގޮތުން މަރާމާތުކުރުން ނިންމުމަށްފަހު އާންމުންނަށް ހުޅުވާލުމާގުޅިގެން ނޫސްވެެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ. ރަސްފަންނަށް ވަގުތީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އެތަން މިހާރު ހުޅުވާލާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްފަންނަށް ވަޑައިގެން އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.

ރަސްފަންނު މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައެވެ. އެހެންކަމުން މި ރަމަޟާންމަހު އެތަން އާންމުންނަށް ބޭނުންކުރެވޭ ވަރު ކުރުމަށް ވަގުތީގޮތުން މަރާމާތުކުރުމުގެ މަސައްކަތް މިދިޔަމަހުގެ ފަހުކޮޅު ވަނީ ފަށާފައެވެ.

މީޑީއާތަކަށް މަޢުލޫމާތުދެއްވަމުން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރަސްފަންނަށް ވަގުތީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އާންމުންނަށް އަލުން ހުޅުވާލާފައިވާއިރު، މިވަގުތު އެތަނަށް ކޮންމެހެން ބޭނުންވާ މަރާމާތުތައް ކަމާގުޅުންހުރި އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީގައި ގެނެސްފައިވާކަމަށެވެ. އަދި މިއީ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ މަސައްކަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ވަރަށް ބޮޑަށް ޗަކަ ހެދިފައި އޮތްތަނެއްގައި ޗަކަ އެމްއެންޑީއެފްގެ އެހީތެރިކަމާއެއްކޮށް ނަގައި، ސާފުކުރެވިފައި ވަނީ. ބީޗު ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާތީ، އެޗްޑީސީގެ އެހީތެރިކަމާއެކު ވެލިހޯދައިގެން އެމްޓީސީސީގެ ފަރާތުން ބީޗަށް އަލުން ވެލި އަޅާ އެއްވަރުކޮށްފައި އެވަނީ އޭގެ އިތުރުން ހަޓްތަކުގެ ރޫފާއި އިށީންނަ ތަންތަންވެސް މިވަނީ ވެމްކޯއާއި އާރްޑީސީގެ އެހީތެރިކަމާއެކު ރަނގަޅުކޮށްފައި. ހަމައެއާއެއްކޮށް ޝަވަރުތައްވެސް ހުރީ ހަލާކުވެފައި، އެމްޑަބްލިޔުއެސްސީގެ އެހީގައި އެތަންތަންވެސް މިވަނީ ރަނގަޅުކުރެވިފައި." ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރަސްފަންނު ވަގުތީގޮތުން އާންމުންނަށް ހުޅުވާލިނަމަވެސް، ރަމަޟާންމަހަށްފަހު ދާއިމީގޮތުން އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި އެކަމުގެ ޕްލޭންތައް ހަދަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ދާއިމީ ބަދަލުތައް ގެނެވޭއިރު، މިހާރަށްވުރެ ފުރިހަމަ، އަދި ހިތްފަސޭހަ ތަނަކަށް ރަސްފަންނު ސަރަހައްދު ބަދަލުވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިވަގުތު މިތަނަށް އަންނަ ފަރާތްތައް ބޭނުންކުރާނެ ފާޚާނާ ބަރިއެއްނެތް. އެހެންވީމަ ފާޚާނާ ބަރި ހެދުމާއި، މުނިފޫހިފިލުވުމަށް އެހެން ކަންތައްތަކެއްވެސް ކުރެވޭނެގޮތަށް ތަރައްޤީކުރެވިގެންދާނީ. އޭގެ އިތުރުން ފިޝިންގ ޕްލެޓްފޯމުވެސް އެހުރީ ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންވީމަ އެތަންވެސް މަސްވެރިކަން ކުރާ ފަރާތްތަކަށް އެންމެ ފަސޭހަވާނެ ގޮތަކަށް ތަރައްޤީކުރުމަށް އަޅުގަނޑުމެންގެ ވިސްނުންހުރީ. އަދި ޖޯލި އިތުރުކުރުމާއި، އިތުރު ވަސީލަތްތައް ޤާއިމުކުރަން ވަރަށް އަވަހަށް ފެށޭނެ." ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ރަސްފަންނުގެ އިތުރުން ސަލްޓަން ޕާކުވެސް ވަނީ ވަރަށް ބޮޑަށް ވީރާނާވެ ބޮޑެތި މަރާމާތުތަކަކަށް ބޭނުންވެފައެވެ. ރަސްފަންނެކޭ އެއްފަދައިން ސަލްޓަން ޕާކަށްވެސް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށްޓަކާ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަލްޓަން ޕާކު އަލުން ތަރައްޤީކުރުމުގައިވެސް ސަރުކާރުގެ ވިސްނުންހުރީ އެތަނުގެ ބޭނުން އާންމުންނަށް އެންމެ ފުރިހަމަގޮތުގައި ހިފޭނެހެން ހިތްފަސޭހަ ތަނަކަށް އެތަން ހެދުމަށްކަމަށެވެ.

"ސަލްޓަން ޕާކުގެ ތެރޭގައި ކުރިންހުރި އައިސް ސްކޭޓިންތަނެއް، އެތަން އެހެން ބޭނުމަކަށް ރިޕަރޕަސްކުރަން ޖެހޭނީ. އެއާއެއްކޮށް އެތާ އިމާރާތްކުރަން ފަށާފަހުރި ބިލްޑިންގއެއް އެބަހުރި. އެތަންވެސް ވީހާވެސް ގިނަ ފަރާތްތަކަކަށް ބޭނުންކުރެވޭނެ ގޮތެއް ހަދަން އެބަޖެހޭ. މަރާމާތުނުކޮށް ވަރަށް ގިނަ ދުވަސްވެފައި ހުރީމަ ވަރަށް ގިނަ ތަންތަނެއް ހުރީ ސަލްޓަން ޕާކު ތެރޭގައި ހަލާކުވެފައި. މިދެންނެވި ކަންތައްތައް ކުރުމަށް މިކަން އެބަޖެހޭ ސީއެސްއާރުގެ ތެރެއިން ވީހާވެސް ބޮޑަކަށް ކުރެވޭނެ ގޮތްތަކެއް ހޯދާ، ރައްޔިތުންނަށް ވީހާވެސް ގިނަ ޚިދުމަތްތައް ލިބޭނެ ގޮތަކަށް ހަދަން." ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މާލެއަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއަކަށްވެފައި، އާއިލާތަކަށް ހިތްފަސޭހަކަމާއި އުފާވެރިކަމާއެކު ވަގުތު ހޭދަކުރެވޭނެ ފަދަ މާޙައުލުތައް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އަހަންމިއްޔަތުކަމެއްދެއްވާ މަސައްކަތެއްކަމަށެވެ. އެހެންކަމުން މިހެން ހުރި ތަންތަން އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމާގުޅޭ ވުޒާރާތަކާއި، ސަރުކާރު ކުންފުނިތައް ގުޅިގެން މަސައްކަތްކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.