ޚަބަރު

ޤާނޫނާއެކު ކާބޯތަކެތި ވިއްކާ ތަންތަނުގެ އިންސްޕެކްޝަންތަކުން ފާހަގަވާ މައްސަލަތައް މަދު: އެމްއެފްޑީއޭ


  • އައު ޤާނޫނާއެކު މާލެއާއި އަތޮޅު ތެރޭގައި އިންސްޕެކްޝަންތައް ވަނީ އިތުރުކޮށްފައި

  • މަދުންނަމަވެސް މުއްދަތު ހަމަވެފައި ހުންނަ އެއްޗެހި ފިހާރަތަކުގައި ހުރޭ

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއެކު އިންސްޕެކްޝަންތަކުން ފާހަގަވާ މައްސަލަތައް މަދުވާން ފަށާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވެއްޖެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. އަދުގެ ސަރުކާރުން މި ޤާނޫނު އެކުލަވާލާފައިވަނީ ރާއްޖެއިން ލިބެން ހުންނަ ކާބޯތަކެއްޗަކީ ޞިއްހަތަށް ފައިދާހުރި ކާބޯތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭ އުޞޫލިތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގޮތުންނެވެ.

އައު ޤާނޫނާއެކު، އެޤާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދުތަކާ ޚިލާފަށް ވިޔަފާރިއަކުން ނުވަތަ ކާބޯތަކެތި އުފައްދާ ތަނަކުން ނުވަތަ ފަރާތަކުން ޢަމަލުކުރާ ނަމަ ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު އެމްއެފްޑީއޭއަށް ވަނީ ދީފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރ އައިމިނަތު ޝަބާނާ ޢަލީ ވިދާޅުވީ ފިހާރަތަކުގައި ކާބޯތަކެތި ހުންނަނީ ރައްކާތެރި މިންގަނޑަށްތޯ ކަށަވަރުކުރުމަށް މާލެއާއި އަތޮޅުތެރޭގައި އިންސްޕެކްޝަންތައް އިތުރުކޮށްފައިވާ ކަމަށެވެ. އެ ގޮތުން މި އިންސްޕެކްޝަންތަކުން މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކަން ހުންނަކަން ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައްކާތެރިކަމާއެކު ކާބޯތަކެތި ބެހެއްޓުމަށްޓަކައި ހުންނަންޖެހޭ ފިނިހޫނު މިނުގައި ފިހާރަތަކުގައި ކާބޯތަކެތި ނުހުންނަކަން ވެސް ފާހަގަވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އައު ޤާނޫނާއެކު ފިޔަވަޅު އެޅުމުގެ ބާރު އެމްއެފްޑީއޭއަށް ލިބުމުން ރައްކާތެރިކަމާއެކު ކާބޯތަކެތި ބަހައްޓަންޖެހޭ މިންގަނޑަށް ގިނަ ވިޔަފާރިތަކުން މިހާރު ޢަމަލުކުރަމުންދާކަމަށް ޝަބާނާ ވިދާޅުވިއެވެ.

"ޢާންމުންގެ ފަރާތުން ޝަކުވާއެއް ލިބުނީމަ އަޅުގަނޑުމެން ދަން އެ ފިހާރައަކަށް. ދާއިރު ކަމެއް ފާހަގަވީމަ އެ ގޮތަށް ކާބޯތަކެތި ނުވިއްކުމަށާއި ޝެލްފުން ނެގުމަށް އަންގަން. އެ ވަގުތު ނަގާނެ. އަނެއްކާ އިރުކޮޅެއް ފަހުން އަންނަ އިރު އަނެއްކާވެސް ހުންނާނެ ހަމަ އެ ތަކެތި ޝެލްފަށް ނަގާފައި. ޤާނޫނުގެ ދަށުން އެބަހުރި މިފަދަ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައި" ޝަބާނާ ވިދާޅުވިއެވެ.

ޝަބާނާ ވިދާޅުވީ ފިހާރަތަކުގެ އިތުރުން ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައްވެސް އުޞޫލުތަކަށް ޢަމަލުކުރުން މުހިންމު ކަމަށެވެ. އެ ގޮތުން ޢާންމުކޮށް ގޭގައި ތައްޔާރުކޮށް ފިހާރަތަކަށް ވިއްކަން ލައި ކާބޯތަކެތި، އެންމެ ރަނގަޅަށް ލޭބަލްކޮށްފައި ނުހުންނަ ކަމުގެ ޝަކުވާ ލިބޭކަމަށް ޝަބާނާ ވިދާޅުވިއެވެ. އެހެންކަމުން މި ފަދައިން ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުން އުޞޫލުތަކަށް ޢަމަލުކުރުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރައްވައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއެކު ކާބޯތަކެތި އުފައްދާ އަދި ވިއްކާ ތަންތަނާއި ފަރާތްތައް އެމްއެފްޑީއޭގައި ކޮންމެހެން ދަފުތަރުވާންޖެހޭނެއެވެ. އަދި ކާބޯތަކެތީގެ ވިޔަފާރިކުރެވޭނީ އެމްއެފްޑީއޭއިން ދޫކުރާ ހުއްދައަކާއެކުއެވެ.