ޚަބަރު

ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ޤާނޫނީ ނިޒާމު ދަންނަކަމެއްނޫން: ޕީއެންސީ


  • ޖިނާޢީ ތަހުގީގެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީގޮތުން މަސައްކަތުން ދުރުވާންޖެހޭ

  • ޤާނޫނު އަސާސީ ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރެއްވި

ފަނޑިޔާރުކަމުގެ މަގާމުގައިވެސް އަދި މަގާމުން ވަކިވެވަޑައިގަންނަވާއިރުވެސް ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރެއްވުމަކީ ޤާނޫނީ ނިޒާމު ދަންނަ ކަމެއްނޫންކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ޤާއިމުވެފައިވާ ދުސްތޫރީ ނިޒާމަކީ ބާރުތައް ވަކިވެ، އެއްބާރު އަނެއްބާރު ޖަވާބުދާރީ ކުރުވައި، ބާރުތަކުގެ މައްޗަށް ފާރަވެރިވާނެ މުސްތަގިއްލު މިނިވަން މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމަށެވެ. އަދި ތިން ބާރުގެ ތެރެއިން ޝަރުޢީ ބާރަކީ ސިޔާސީ ކަންކަމާދުރުން، ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށްދީ، އަދުލުއިންސާފު ޤާއިމުކޮށްދިނުމުގެ ޒިންމާ ހަވާލުވެފައިވާ ބާރުކަމަށްވެސް ވަނީ ބުނެފައެވެ.

ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވާއިރުވެސް އަދި މަގާމުން ވަކިވެވަޑައިގަތުމުގައިވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ޤާނޫނީ ނިޒާމު ދަންނަ ކަމެއް ނޫންކަމަށާއި އެއީ މުޅި ޝަރުޢީ ނިޒާމުގެ އިތުބާރު ގެއްލި އެ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށްވަނުމަށް ހިތްވަރު ލިބޭ ފަދަކަމެއް ކަމަށްވެސް ޕީއެންސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީއެންސީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އިސްތިއުފާދެއްވުމުގައި އަމަލުކުރެއްވި ގޮތުން އެ މަގާމުގައި ހުންނަވައިގެންވެސް ގެންގުޅުއްވީ އެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައްކަން ސާފުވެފައިވާ ކަމަށެވެ. އަދި ޤާނޫނުގައި އިސްތިއުފާގެ ސިޓީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަން އޮންނައިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއްނެތް ތުހުމަތުތަކެއް އެޅުވުމަށް ކުރެއްވިކަމެއް ކަމަށާއި އެއީ ފަނޑިޔާރު ސުޢޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވިކަމުގެ އަލިގަދަ ދަލީލެއްކަމަށް ދެކޭކަމަށްވެސް ޕީއެންސީން ބުންޏެވެ.

ފަނޑިޔާރު ސުޢޫދާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާމެދުވެސް އަމަލުކުރެވެމުންދަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި އެކަށައަޅާފައިވާ އޮނިިގަނޑުތަގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިންކަން ފާހަގަކޮށް ޕީއެންސީން ބުނީ ޖިނާޢީ ތަހުގީގެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީގޮތުން މަސައްކަތުން ދުރުކުރުމާމެދު ގޮތެއް ކަނޑައެޅުމަކީ ޖޭއެސްސީގެ އިޖުރާއަތުގައި ހިމެނޭ ކަމެއް ކަމަށެވެ. މިއީ ވަކި ކޯޓެއްގެ ވަކި ފަނޑިޔާރަކަށްވީތީ ނުވަތަ ވަކި މައްސަލައެއް ކޯޓެއްގައި ކުރިއަށްދާތީ ހުއްޓަންޖެހޭ ކަމެއް ނޫން ކަމަށްވެސް އެޕާޓީން ބުންޏެވެ.

ޕީއެންސީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަން މުއައްސަސާތަކަށް މުސްތަގިއްލުކަމާއެކު ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ. އަދި އެފަދަ މުއައްސަސާއަކުން ޒިންމާ އަދާކުރުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫން ކަމަށާއި، އެއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހިނގަންޖެހޭގޮތަށް ރަނގަޅަށް ހިނގަމުންދިއުން ކަމަށް އެޕާޓީން ބުންޏެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ދައްކަވަމުންދާ ނަމޫނާއަށް މަރުހަބާއާ ޝުކުރު އަދާކުރާކަމަށްވެސް ޕީއެންސީން ނެރުނު ބަޔާނުގައިވެއެވެ.