ސްވިޓްޒަލޭންޑްގެ އެޑްލްވެއިސް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ މިހާރު ކުރިއަށްދާ އައިޓީބީ ފެއަރގެ ތެރެއިންނެވެ.
އައިޓީބީ ބާލިން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދިވަހުއެވެ. މި ފެއަރ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލްކުރާ 200 މަންދޫބުންގެ ވަފުދެއް ބައިވެރިވެއެވެ.
މި ފެއަރގައި ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ފެއަރގެ ތެރެއިން އެހެން ބައެއް ސައިޑް ބައްދަލުވުންތައްވެސް ކުރިއަށްދެއެވެ. އެގޮތުން ވަޒީރު ވަނީ ސްވިޓްޒަލޭންޑްގެ އެއަރލައިނެއްކަމަށްވާ އެޑްލްވެއިސްއާއިއެކު ބައްދަލުވުމެއް ބާއްވަވާފައެވެ.
މި ބައްދަލުވުމުގައި އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ޚާއްސަކޮށް ލޯ ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް އެއަރލައިންގެ ދަތުރުތައް ބޭއްވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެ އެއަރލައިނުން މިހާރުވެސް ދަނީ ކޮންމެ ހަފްތާއަކު ރާއްޖެއަށް ދަތުރުކުރަމުންނެވެ.
ރާއްޖެއިން އައިޓީބީ ބަރލިންގައި ބައިވެރިވަމުން އަންނަތާ ވަނީ އަހަރުތަކެއް ވެފައެވެ. މި ފެއާގައި ރާއްޖެއިން ބައިވެރިވުމުގެ މަގުސަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއިން ހޯދާފައިވާ މަތީ މަގާމު ދަމަހައްޓައި ޖަރުމަނު ބަހުން ވާހަކަދައްކާ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމެވެ.
މިއަހަރުގެ އައިޓީބީ ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ފެއާގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓުތަކާއި އެނޫން ވެސް ގައުމުތަކުގެ މަޝްހޫރު ޓުއާރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި މީޑިއާތަކާ ގުޅުން ބަދަހިވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 45،1000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެތެރޭގައި ޖަރުނަމުވިލާތް އަދި ސްވިޓްޒަލޭންޑް ހިމެނެނީ ގަދަ 10 މާކެޓްގެ ތެރޭގައެވެ. ޖަރުމަނުވިލާތުން ރާއްޖެއަށް 28،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ސްވިޓްޒަލޭންޑުން ރާއްޖެއަށް 9700 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.