ޚަބަރު

އައިސީޖޭގައި ކުރިއަށްދާ މިޔަންމާ މައްސަލައިގައި ރާއްޖޭން ލިޔުމުން އޮބްޒަރވޭޝަންސް ހުށައަޅުއްވައިފި


  • މި މައްސަލައިގައި ތަދައްޙުލްވާން ރާއްޖޭގެ ހުށަހެޅުން އައިސީޖޭން ވަނީ ބަލައިގެންފައި

  • ރޮހިންޔާގެ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ރާއްޖޭން އެއްބާރުލުން ދޭނެ

މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖޭގެ ފަރާތުން ލިޔުމުން އޮބްޒަރވޭޝަން ހުށަހަޅުއްވައިފިއެވެ. މި މައްސަލައަށް ތަދައްޚުލްވާން ރާއްޖޭން ހުށަހެޅުމުން އައިސީޖޭން ވަނީ އެ ހުށަހެޅުން ބަލައިގެންފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި ރާއްޖޭން ތަދައްޚުލްވެ، އޭޖެންޓެއް ގޮތުގައި ކަނޑައަޅުއްވާފައިވަނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމެވެ. އޭޖެންޓުގެ ހައިސިއްޔަތުން ރާއްޖެއިން ލިޔުމުން ހުށަހަޅާ އޮބްޒަރވޭޝަންސް، މިދިޔަ މަހުގެ 28ވަނަ ދުވަހު އައިސީޖޭއަށް ހުށަހަޅުއްވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވިއެވެ.

މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ގެމްބިއާ އިން، މިޔަންމާއާ ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހެޅީ 11 ނޮވެންބަރު 2019 ގައެވެ. ރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން 3 ފެބުރުވަރީ 2024 ގައި އައިސީޖޭއިން ބަލައިގަނެ، ތަދައްޚުލުވާ މަޢުޟޫއާ ގުޅޭގޮތުން ލިޔުމުން އޮބްޒަރވޭޝަންސް ހުށަހެޅުމަށް ދަޢުވަތު ދިނެވެ.

މި މައްސަލައަށް ތަދައްޚުލުވާ ފަރާތެއްގެ ދައުރާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ އޮބްޒަރވޭޝަންސްގައި އަލިއަޅުވާލާފައިވާނީ، ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ މާއްދާތަކުގެ މާނަކުރުމަށް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވިއެވެ. އެގޮތުން ވަކިން ޚާއްޞަކޮށް، އެ މުޢާހަދާގެ 1، 4، 5، އަދި 6 ވަނަ މާއްދާތަކުގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާގޮތަށް އަލިއަޅުވާލާފައިވާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވިއެވެ.

ރޮހިންޔާގެ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށާއި، ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވިއެވެ.