ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުން އަލްއުސްތާޛު ޙުސްނުއްސުޢޫދު އިސްތިއުފާދެއްވައިފިއެވެ. ފަނޑިޔާރުކަމުން ސުޢޫދު އިސްތިއުފާދެއްވާފައިމިވަނީ ސުޕްރޯމް ކޯޓިގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކާ ބެހޭ ޤާނޫނަށް އިޞްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ސުޢޫދު އިސްތިއުފާދެއްވާ އެކަން ބަޔާންކުރައްވާ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުއްވާފައެވެ. އެސިޓިގައިވަނީ ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާހާއި، އެކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާކަން ބަޔާންކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް މިމަހުގެ 26 ވަނަ ދުވަހު ގެނައި އިޞްލާހުގައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ޢަދަދު 7 އިން 5އަށް މަދުކުރުމަށެވެ. ރައީސުލްޖުމްހޫރިއްޔާ އެ އިޞްލާހު އަދި ތަސްދީޤު ނުކުރައްވައެވެ.
މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވަނީ އެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ޖޭއެސްސީއަށް އެންގުމާއި ގުޅިގެންނެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިޤާލީ ސުޕްރީމް ކޯޓުގައި ތިއްބެވީ 5 ފަނޑިޔާރުންނެވެ. އޭގެފަހުން 2010 ވަނަ އަހަރު 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނުއިރު، ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2014ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދު ކުރިއެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ދުވަސްވަރު 2019ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް 7 އަށް އިތުރުކުރިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއް ސުޢޫދު އައްޔަންކުރައްވާފައިވަނީ 8 ޑިސެމްބަރު 2019 ވަނަ އަހަރުއެވެ. އެ މަޤާމަށް ސުޢޫދު ޢައްޔަންކުރެއްވީ ކުރީ ސަރުކާރުގައި އުފެއްދެވި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނަވަނިކޮށެވެ.