ޚަބަރު

ނިއުކާސަލް ބަލިކޮށް ބްރައިޓަން ކުއާޓާ ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ބްރައިޓަން އިން ހޯދައިފިއެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ކުޅުނު މި މެޗުގެ ކުޅުން ނިމުނުއިރު ދެ ޓީމުގައިވެސް ތިބީ 10 ކުޅުންތެރިންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ބްރައިޓަން އިން ވަނީ 21 ހަމަލައެއް އުފައްދާފައެވެ. އޭގެ ތެރެއިން ފަސް ހަމަލައެއް ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.

މި މެޗުގައި ނިއުކާސަލް ޔުނައިޓެޑުން ލީޑު ނަގާފައިވަނީ މެޗުގެ 22 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެލެކްޒެންޑަރ އިސާކް ޖެހި ލަނޑުންނެވެ. ނަމަވެސް މެޗުގެ ފުރިތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ބްރައިޓަންގެ ޔަންކޫބާ މިންޓޭ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މިންޓޭ އަކީ ނިމިދިޔަ ހޫނު މޫސުމުގައި ނިއުކާސަލް ޔުނައިޓެޑުން ބްރައިޓަންއަށް ވިއްކާލާފައިވާ ކުޅުންތެރިއެކެވެ.

މި މެޗުގެ ފަހު މިނިޓުގައި ނިއުކާސަލްއަށް ވަނީ މެޗުން މޮޅުވާން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން އެ ޓީމުގެ ފަބިއަން ޝާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަން ނަމަވެސް، ވީޑިއޯ ބެލުމަށްފަހު ރެފްރީ (ވީއޭއާރް) ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުގެ 83 ވަނަ މިނިޓުގައި ރެފުރީ ވަނީ ނިއުކާސަލްގެ އެންތޮނީ ގޯޑޮންއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. މި ކާޑާއެކު އޭނާއަށް ކުރިއަށް އޮތް އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ. އޭނާއަށް ރެފުރީ ރަތް ކާޑު ދައްކާފައިވަނީ ބްރައިޓަންގެ ޖޭން ޕޯލްއަށް ފައުލްކުރުމާ ގުޅިގެންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބްރައިޓަންގެ ތާރިގު ލަމްޕްޓޭ ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކު އޭނާއަށްވެސް ވަނީ ރަތް ކާޑު ދައްކާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވަތީ އިތުރު ވަގުތުގެ 30 މިނިޓުގެ ކުޅުން ހަމަވާންހަ މިނިޓަށް ވެފައިވަނިކޮށް ބްރައިޓަންގެ ޑެނީ ވެލްބެކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ބްރައިޓަންއާ ދެކޮޅަށް ނިކުންނާނީ ނޮޓިންހަމް ފޮރެސްޓާއި އިޕްސްވިޗް ޓައުން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.