ކައިރި މުސްތަޤްބަލެއްގައި ސައުދީ ޢަރަބިއްޔާގެ ޑިފެންސް މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމުގައި ސައުދީ ޑިފެންސް މިނިސްޓަރ މުޙައްމަދު ބިން ސަލްމާން އާލް-ސަޢުދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސައުދީ ޢަރަބިއްޔާގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ބިން ސަލްމާން އާލް-ސަޢުދުގެ ޚާއްޞަ ދައުވަތަކަށް ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ސައުދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެބޭފުޅުންގެ މެދުގައި މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
މިބައްދަލުވުމުގައި ފިޠުރު ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދެންނެވުމުގެ އިތުރުން، ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ކައިރި މުސްތަޤުބަލެއްގައި ސައުދީ ޢަރަބިއްޔާގެ ޑިފެންސް މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރަށް ދެއްވަވާފައެވެ.
މިދަތުރުފުޅުގައި މިއަދު ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު، ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަށް ވަނީ ދަންނަވާފައެވެ.