ޚަބަރު

ދިގުރަށުން މާލެއަށް ދަތުރު ކުރި ލޯންޗެއް އަޑިއަށް؛ 45 މީހުން ސަލާމަތްކޮށްފި


  • ލޯންޗުގައި 45 މީހުންނާއި 3 ފަޅުވެރިން ތިބި

  • ލޯންޗުގައި ތިބި އެންމެން ވަނީ ދިގުރަށަށް ގެންގޮސްފައި

  • ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު

އދ. ދިގުރަށުން 45 މީހުންނާއެކު މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 07:57 ހާއިރު ކަމަށެވެ.

"ހުވަން" ނަމަކަށް ކިޔާ މި ލޯންޗު ދަތުރުކުރަމުން ދިޔައީ އދ. ދިގުރަށުން މާލެއަށް ކަމަށާއި، މިލޯންޗުގައި 45 މީހުންނާއި 3 ފަޅުވެރިން ތިބިކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމުތަކުން ލޯންޗު އަޑިއަށް ދިޔަ ސަރަހައްދަށް ގޮސް ކަނޑުވި ހުރިހާ އެންމެންވަނީ ސަލާމަތްކޮށްފައެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި ކަނޑުވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މިހާރު އެންމެންވެސް ދިގުރަށަށް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި، ކަމާއި ގުޅުން ހުރި އެހެން އިދާރާތަކުން އިރުޝާދު ދެއްވައެވެ. އަދި ކަނޑު ދަތުރު ކުރާ ފަރާތްތަކުން އުޅަނދުގެ ސަލަމާތީ ފިޔަވަޅުތައް ފުރިހަމެވަފައިވޭތޯ ޔަގީން ކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.