ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ސަރުކާރަށް ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން މިހެން ވިދާޅުވީ، މާލެ ސަރަހައްދަށް މިވަގުތު ކުރަމުންދާ ވިއްސާރައާ ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.
މާލެ ސަރަހައްދުގައި ފެންބޮޑުވެފައިވާއިރު، ގޭގެއަށް ފެންވަދެ ވިޔަފާރިތަކާއި އެހެން ގެތަކަށް ދަނީ ގެއްލުން ލިބެމުންނެވެ. މިގެއްލުންތައް ކުޑަކުރުމަށް ވުޒާރާތަކާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެނެވެ. ސަރުކާރު ވުޒާރާތައް ގުޅިގެން ކުރިއަށްގެންދާ މަަސައްކަތްތަކާއި ގުޅޭގޮތުން ވަޒީރު އަމީން ވިދާޅުވީ ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ސަރުކާރުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.
"ވަރަށް ދެރަ ހާލެތެއްގައި މިއޮތީ މާފަންނު ސަރަހައްދު. ސިފައިންނާއި ފުލުހުންނާއި ގުޅިގެން މެކްސިމަމް ކެޕޭސިޓީގައި މަސައްކަތް ކުރައްވަމުން އެގެންދަވަނީ. އަޅުގަނޑުމެން ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާފައި އެހެރީ. ބަރު އެއްވެސް އުޅަނދެއް ނުދުއްވުމާއި، އޭގެ އިތުރަށް ނެރެވެން ހުރި ހުރިހާ އެންމެންވެސް ނެރެފައި މިވަނީ" ވަޒީރު އަމީން ވިދާޅުވިއެވެ.
މާލެ ސަރަހައްދަށް ގަޑިއިރެއްހާއިރު ތެރޭގައި 100 މިލިމީޓަރަށް ވުރެ ބޯކޮށް ވާރޭ ވެހިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ. މިކަމަށް އިޝާރަތްކުރައްވާ ވަޒީރު ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބެމުންދާތީ، އާންމު ހާލަތަށް ގެނައުމަށް ކަމާއި ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާއިރު، މަގުމަތީގެ ބަރުއުޅަނދު ނުދުއްވުމަށް ފުލުހުން ވަނީ އަންގާފައެވެ. ފެންބޮޑުވެފައިވާ ގަޑިތަކުގައި ބަރު އުޅަނދު ދުއްވުމުގެ ސަބަބުން، ގޭގެއަށާއި ވިޔަފާރިތަކަށް ފެން ވަދެއެވެ. އޭގެ ސަބަބުން މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބޭއިރު، ވެލި ބަސްތާ ޖެހިނަމަވެސް ބަރު އުޅަނދު ދުއްވާނަމަ ގޭގެއަށް ފެން ވަންނަކަން ކަމާބެހޭ އިދާރާތަކުން ފާހަގަކުރައްވައެވެ.