ޚަބަރު

ގެމަނަފުށީ އައިސްޕްލާންޓް އޮޕަރޭޝަނަށް؛ ފުރަތަމަ ދުވަހު މަސްވެރިންނަށް ހިލޭ އައިސް


  • ގެމަނަފުށި އައިސް ޕްލާންޓަކީ 50 ޓަނުގެ އައިސް އުފައްދާ 100 ޓަން ރައްކާކުރެވޭ ޕްލާންޓެއް

  • މި މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ރައިނަކް ކުންފުނިން

  • މި އައިސް ޕްލާންޓުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރު

ގއ. ގެމަނަފުށީގައި ތަރައްޤީކޮށްފައިވާ 50 ޓަނުގެ އައު އައިސް ޕްލާންޓު މަސައްކަތް ނިންމައި، މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފިއެވެ.

މިއައިސް ޕްލާންޓަކީ އިންޑިއާ ސަރުކާރުގެ އެހީގައި އެރަށުގައި ތަރައްޤީކޮށްފައިވާ އައިސް ޕްލާންޓެކެވެ.

ގ.އ ގެމަނަފުށީގައި ތަރައްޤީކޮށްފައިވާ އައިސް ޕްލާންޓަކީ އިންޑިއާގެ އެގްޒިމް ބޭންކްގް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ތަރައްޤީކޮށްފައި އައިސް ޕްލާންޓެކެވެ. މިއައިސް ޕްލާންޓުގެ މަސައްކަތް ކޮށްފައިވަނީ އިންޑިއާއި ރައިނެކް ކުންފުނިންނެވެ. އެ ރަށުގައި ތަރައްޤީކޮށްފައިވާ އައިސް ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ އައިސް އުފައްދާ، 100 ޓަނުގެ އައިސް ރައްކާކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ އައިސް ޕްލާންޓެކެވެ.

މިއައިސް ޕްލާންޓުގެ މަސައްކަތް ނިންމައި، މިތަން ހިންގަން ދިވެހި ސަރުކާރާއި ހަވާލުކުރުމުގެ ގޮތުން ގ.އ ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު، އަހުމަދު ޝިޔާމްއެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އަދި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ގެމަނަފުށީގައި ގާއިމްކުރި އައިސް ޕްލާންޓު އިފްތިތާޙްކޮށްދެއްވީ މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް އަދި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފްއެވެ. އަދި އައިސްޕްލާންޓުގެ އޮޕަރޭޝަން ފައްޓަވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، މި މަޝްރޫޢުއަކީ މި ސަރަހައްދުގެ މަސްވެރިންގެ އުއްމީދުތަކާއި ގުޅިފައިވާ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި ޕްލާންޓުގެ ސަބަބުން މަސްވެރިންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ސަރުކާރުން މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ.

"ގެމަނަފުށީގެ އައިސްޕްލާންޓުގެ އިތުރުން އިތުރުން 3 އައިސްޕްލާންޓެއްގެ މަސައްކަތް ނިންމާ މިއަހަރު ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް މިއުއްމީދުކުރަނީ. އޭގެ ތެރޭގައި ހިމެނެނީ ދ. އަތޮޅުގެ 2 ޕްލާންޓާއި ށ. އަތޮޅުގެ ޕްލާންޓް. ސައުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންދާ 5 ޕްލާންޓެއްވެސް އެބައުޅޭ. އޭގެ އިތުރުންވެސް އިތުރު އެހީތައް ހޯދާ އައިސް ހޯދުމަށް ދިމާވެފައިވާ މައްސަލައަށް އެއްކޮށް ހައްލު ހޯދުމުގެ މަސައްކަތް މިއަހަރު ފެށުމަކީ އަޅުގަނޑުމެންގެ އަމާޒު " ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖ. ބާލަސުބްރަމާނިއަން ވިދާޅުވީ، މި މަޝްރޫޢު ހިމެނޭހެން އިންޑިއާގައި އެހީގައި ރާއްޖޭގެ ތަރައްޤީގެ އެހެން މަޝްރޫޢުތަކަކީ ދެ ޤައުމުގެ އެކުވެރި ގުޅުން ދައްކުވައިދޭ މަޝްރޫޢުތައް ކަމަށެވެ. އަދި މަސްވެރިކަަމުގެ ސިނާޢަތް ހިމެނޭހެން ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީވުމަށް ތައްޔާރަށް އޮތްކަން ސަފީރު ފާހަގަކުރެއްވިއެވެ.

ގެމަނަފުށީ އައިސް ޕްލާންޓުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ. މިއައިސް ޕްލާންޓުގެ މަސައްކަތް ނިންމާ އޮޕްރޭޝަނަށް ގެނެސްފައިވާއިރު، ފުރަތަމަ ދުވަހު މަސްވެރިންނަށް ހިލޭ އައިސް ދޫކުރުމަށް މިފްކޯއިން ވަނީ ނިންމާފައެވެ.