ޚަބަރު

3 ފަނޑިޔާރުންގެ މައްސަލަ ކުރިއަށްގެންދާނީ ވަކި ފަރާތަކަށް ބުރަނުވެ: އޭސީސީ


  • ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ތުހުމަތުކޮށް އޭސީސީއަށް ވަނީ މައްސަލަ ހުށަހަަޅާފައި

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއް ނެތި، ވަކި ފަރާތަކަށް ބުރަނުވެ ކުރިއަށް ގެންދަވާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑުކޮށްފައެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައި ބުނާ ކޮރަޕްޝަންގެ އެއްވެސް އަމަލެއް އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަޙުޤީޤުކުރުމަކީ އެ ކޮމިޝަނުގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއެއްކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 202 ވަނަ މާއްދާއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 21 އަދި 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ޤާނޫނުތަކާއި ގަވާއިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންގެންދާނެކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ. އެހެންކަމުން އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަޙުޤީޤު ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ސަސްޕެންޑް ކޮށްފައިވަނީ އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއެވެ. އެ ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އޭސީސީން ކުރަމުންދާ ޖިނާޢީ ތަޙްޤީގަކާ ގުޅިގެންނެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކޮށްފައެވެ. އެ ބިލްގައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށެވެ.