ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހަށް ބަލައިގެންފި


  • ބިލް ބަލައިގަނެފައިވަނީ 64 މެންބަރުންގެ ވޯޓާއެކު

  • ބިލުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 މަދުކުރެވޭނެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ. މި ބިލުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑީޔާރުންގެ އަދަދު 7 އިން 5 މަދުކުރުމަށް ވަނީ ހިމަނާފައެވެ.

ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު އަމިއްލަ ގޮތުންނެވެ. ބިލު ހުށައެޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރީގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައިވެސް ބަޔާން ކުރެވިފައިވާ ފަދައިން ޤާނޫނު އަސާސީން ދިވެހިންކުރާ އެންމެ ފޮނި އުންމީދަކީ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ ކަމަށެވެ. އަދި އެ ބަދަލު އެންމެ އެކަށޭނަ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާތީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭވެސް އެއްގޮތަށް ބަދަލުކުރުމަށް އިސްލާހުތައް ގެނައުން ރަނގަޅުކުރުމަށް ދެކޭތީކަމަށެވެ.

މި ބިލުގެ އިބްތިދާޢީ ބަހުސް މިއަދު ނިންމާލާފައި އަދި ބަހުސްއަށް ފަހު ބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް ވަނީ އަހާފައެވެ. މި ބިލް ބަލައިގަތުމަށް ހާޒިރުވި މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދީފައިވާއިރު، ބިލް ބަލައިނުގަތުމަށް ވޯޓު ދީފައިވަނީ 12 މެންބަރުންނެވެ. މި ބިލު ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

މި ބިލްގެ އިބްތިދާޢީ ބަހުސްގައި ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވަނީ ބިލަށް ތާޢީދުކޮށް ވާހަކަ ދައްކަވާފައެވެ. ބަހުސްގައި ބައިވެރިވި މެންބަރުން ވަނީ ޤާނޫނޫ އަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަމަށް ބަޔާން ކޮށްފައި އޮތީ އޮނަހިރި އަދަދެއްކަން ފާހަގަކުރައްވާފައެވެ. އެހެން ކަމުން ކޮންމެހެން ވަކި އަދަދެއް ތިބެން ލާޒިމް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ކަންކަމުން ބަރިއްޔަވެގެންވާ ބަޔަކަށް ފަނޑިޔާރުން ވާންޖެހޭނެ ކަމަށް ސަރުކާރަށް ތާޢިދު ކުރާ މެންބަރުން ވިދާޅުވިއެވެ.

"ޤާނޫނި އަސާސީގައި ބުނެފައި ނުވޭ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަކީ 3،5 ނުވަތަ 7 އެކޭ. ޤާނޫނު އަސާސީގެ ބުނެފައި އޮތީ އޮނަހިރި އަދަދެއްގެ މައްޗަށް ސުޕްރީމް ކޯޓު ބެންޗު އެކުލަވާލަން ވާނޭ" މަހިބަދޫ ދައިރާގެ މެންބަރު އަހުމަދު ތާރިޤު ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން އިދިކޮޅު މެންބަރުން ވަނީ މި ބިލަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެއެވެ.

"ސުޕްރީމް ކޯޓު ބަދަލުކޮށްގެން އައި ސަރުކާރުތައް ދެމިއޮތްތޯ މިއީ އަޅުގަނޑުމެން ކޮށްލަން ޖެހޭ ސުވާލެއް. އަޅުގަނޑުމެން ސިޔާސީ ބޭނުމުގައި ހުކުމް އެދޭ ގޮތަށް އަތުވެނުވެދާނެތީ ކޯޓުތަކަށް އަތްބާނާ ފަނޑިޔާރުން ބަދަލުކުރަން އުޅުން ގޯސް " ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ އެކުލަވާލެވުނު އިންތިގާލީ ސުޕްރީމް ކޯޓުގައި 5 ފަނޑިޔާރުން ތިއްބެވި އެވެ. އޭގެފަހުން 2010 ވަނަ އަހަރު 7 ފަނޑިޔާރުންގެ މައްޗަށް ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވާލެވުނުއިރު، އަނެއްކާވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު 2014ވަނަ އަހަރު ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދު ކުރެވުނެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު 2019ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗު އަނެއްކާވެސް 7 އަށް އިތުރުކުރަން އޭރުގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ފަނޑިޔާރުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާބޫލުކުރެވިގެން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވުމުންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފަނޑިޔާރުންގެ ނަންތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށައަޅަންވާނެކަމަށްވެސް ބިލުގައިވެއެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށައަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން މަޤާމުން ވަކިކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި އެ މުއްދަތުތައް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށް ބިލުގައިވެއެވެ. ހަމައެއާއެކު ބިލުގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް ކަންކަން ކުރުމަށްޓަކައި ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވާކަމަށާއި ކަމާބެހޭ ޤާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަދި މުއްދަތުތަކަށް އިސްތިސްނާ ގެނައުމުގެ ބާރު މަޖިލީހަށްވެސް ލިބިގެންވާކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންއާއި ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރުއާ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި ފަނޑިޔާރު ޙުސްނުއް ސުޢޫދާއި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.