ކޮންމެ ސިޓީ އަދި ރަށު ކައުންސިލެއްގެ ބެލުމުގެ ދަށުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް އޮންނަންވާނެކަމަށް 2011ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. މި ކޮމިޓީތައް އިންތިޚާބުވެގެން އައީ 2012 ވަނަ އަހަރު ލޯކަލް ގަވަރމެންޓް އޮތޯރިޓީން އެކުލަވާލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދާއެކުއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ފުރަތަމަ ވުޖޫދުވެގެން އައީ މަސްއޫލިއްޔަތުތަކާއެކު އެއްވެސް އެލަވަންސެއް ލިބޭ ބައެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް ޖަލްސާ ބޭއްވުމާއި ރަށްވެހި ނިންމުންތަކުގައި ކައުންސިލްތަކަށް ލަފާދިނުން ފަދަ މަސްއޫލިއްޔަތުތައް އެ ކޮމިޓީގެ މެންބަރުންގެ މައްޗަށް އޮތީ މަތިކޮށްފައެވެ. ރަށްވެހި ނިންމުންތައް ނިންމުމާއި ރަށުގެ ކުރިއެރުމަށް މި ކޮމިޓީތައް ކިތަންމެހާވެސް މުހިންމެވެ.
އެކި ފަހަރު ގަވާއިދާއި ޤާނޫނުތަކަށް އިސްލާޙުތައް ގެނެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އިނާޔަތްތައް ކަނޑައެޅިގެން ދިޔައެވެ. ނަމަވެސް ކޮމިޓީއެއްގެ ގޮތުގައި ބާރުވެރިވެ ރަށުގެ ތަރައްޤީއަށް މަސައްކަތްކުރެވޭ ވަރަށް އެ ކޮމިޓީތަކުގެ މެންބަރުންނަށް އިނާޔަތް ނުލިބޭކަން މެންބަރުން ފާހަގަކުރެއެވެ. ލޯން ނެގުމަށާއި އެނޫންވެސް ސަރުކާރުގެ ފެސިލިޓީތަކުން ކޮމިޓީތަކުގެ މެންބަރުންނަށް ޖާގައެއް ނުލިބެއެވެ. ރަމަޟާން މަހު ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އޮފީސް ކުންފުނިތަކުގެ މުވައްޒަފުންނަށް އިނާޔަތް ލިބޭއިރު އެ ކޮމިޓީގެ މެންބަރުންނަށް އެ ފަދަ އިނާތެއްވެސް ނުލިބެއެވެ. މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ޒަމާންވީ ކަންބޮޑުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ވަޢުދާއެކުއެވެ. ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވިކަމެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް އަތޮޅު ތެރެއަށް ކުރެއްވި ކޮންމެ ދަތުރުފުޅެއްގައި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. އަދި އެ ކަނބަލުންގެ ކަންބޮޑުވުންތައް އަޑު އެއްސެވިއެވެ. އެ ކޮމިޓީތަކުގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނައުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ މުހިންމު ނިންމެވުމެއް ނިންމަވަ އިޢުލާންކުރެއްވިއެވެ.
އދ. ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަންހެނުންގެ ކޮމިޓީގެ މެންބަރުންނަކީ ފުލްޓައިމް މަސައްކަތްކުރައްވާ، ޒިންމާ ބޮޑު ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޤާނޫނީ އިމުގެ ތެރެއިން އެބޭފުޅުންނަށް ލިބިލައްވާ އެލަވަންސަކީ، މުސާރައެއްގެ ގޮތުގައި ހައްދަވާދެއްވާނެ ކަމަށެވެ.
"ތިބޭފުޅުންނަށް ލޯންތަކަށް ލެއްވުން، އެކި ތަންތަނުން ދޫކުރާ ފެސިލިޓީތަކަށް ފުރުޞަތު ލިބިގެންދިއުން. މިކަންކަން މިހާރު ނުވޭ. އެހެންވީމަ ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހެއް އެބައޮތް. އަދި ވަޒީފާއާ ބެހޭ ޤާނޫނަށްވެސް އިޞްލާހެއް ގެންނަން އެބައޮތް. އެކަމަށް ދިރާސާކުރަން ވަގުތުކޮޅެއް ނެގީ. ދެން މަޖިލިސް ހުޅުވޭއިރު އިރާދަކުރެއްވިއްޔާ މި އިޞްލާހުތައް ހުށައަޅާދޭނަން ފެބުރުއަރީ މަހު ކުރީކޮޅު. އަދި އެ އިޞްލާހުތައް ގެނެސް މިއަންނަ ރަމަޟާންމަހުން ފެށިގެން ކޮންމެ ރަމަޟާންމަހަކު ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ މަހުގެ އެލަވެންސް ދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ދެއްވި އެ ޔަޤީންކަން މިހާރު މި ވަނީ ޙަޤީޤަތަކަށް ވެފައެވެ. އަންހެނުންގެ ކޮމިޓީތަކަށްފުރަތަމަ ފަހަރަށް ރަމަޟާންމަހުގެ އިނާޔަތް ލިބިގެންދިޔައީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ މި މަހުގެ 19 ވަނަ ދުވަހު ތަސްދީގުކުރެއްވުމާއި ގުޅިގެންނެވެ.
މި އިސްލާހުގެ ދަށުން އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ލިބޭނެއެވެ. އަދި ރަމަޟާން މަހުގެ އެލަވެންސްވެސް ލިބޭނެއެވެ. އެ ގޮތުން މެންބަރުންގެ ތެރެއިން އެހެން ޤާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އެލަވެންސް ނުލިބޭ ކޮންމެ މެންބަރަކަށް އެ އެލަވެންސްގެ ގޮތުގައި 3000 ރުފިޔާ ލިބެންވާނެކަމަށް ޤާނޫނުގައި މިހާރު ބަޔާންކުރެއެވެ.
"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ މެންބަރުންނަށް ރޯދަ އެލަވެންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް އަޅުގަނޑާ، އަދި ކޮމިޓީގެ ހުރިހާ މެންބަރުންގެ ނަމުގައި ޝުކުރު އަދާކުރަން. ކޮމިޓީގައި އަޅުގަނޑު މިހާރު އުޅޭތާ ގާތްގަނޑަކަށް 12 އަހަރުމިވީ އެކި ދައުރުތަކުގައި. އަދި މިވީހާތަނަށް ރޯދަ އެލަވެންސް ލިބުން މިއީ ފުރަތަމަ ފަހަރު." ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އާމިނަތު ނަހުލާ ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން މަސައްކަތްކުރުމަށް ލިބޭ ވަރށް ބޮޑު ބާރެއްކަމަށް އަޅުގަނޑު ދެކެނީ. ކޮންމެ މީހަކުވެސް މަސައްލަތެއްކުރުމުން އޭގެ އުޖޫރަ ލިބެންޏާ އެއީ އިތުރަށް ހިތްވަރެއް ލިބިގެންދާނެ. އެހެންވީމަ މި ހިތްވަރާއެކީ އަޅުގަނޑުމެން އަންހެނުން ބާރުވެރިކަމާއެކު ޤައުމަށްޓަކައި، އަނހެނުންނަށްޓަކައި ކުރާ މަސަައްކަތް ފަށްފަށުން އިތުރުވެގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުންތަކާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އެތައް ދުވަހެއްގެ ކަންބޮޑުވުންތަކަށް ނިމުމެއް އައީއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް ޙަޤީޤީ ބާރުވެރިކަން މިވަނީ ލިބިފައެވެ.