ޚަބަރު

ދެހަފްތާތެރޭ އީއައިއޭ ނިންމާ މާއެނބޫދޫ ބިން ހިއްކަން ފަށާނަން: ރައީސް


  • މާއެނބޫދޫއަށް ވަޑައިގަތީ ބިން ހިއްކުމުގެ ޔަޤީންކަން ދެއްވުމަށް

  • ފުޓުބޮޅާ ދަނޑާއި ވޮލީ ކޯޓެއް ތަރައްޤީކުރާނެ

  • ހުއްޓިފައިވާ ހުރިހާ މަޝްރޫޢުއެއް މިމަހާ އަންނަ މަހު ފަށާނެ

ދ. މާއެނބޫދޫގެ ބިންހިއްކުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ނިންމާ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާއެނބޫދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުހޫރިއްޔާގެ ވާހަކަފުޅުގައި، މާއެނބޫދޫއަށް އެމަނިކުފާނު ވަޑައިގަތީ އެރަށުގެ ތަރައްޤީއަށް ކުރުމަށް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި މަޝްރޫޢުތަކުގެ ތެރެއިން ވަޢުދުވެފައިވާ ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ފަށްޓަވާނެކަމުގެ ޔަޤީންކަން ދެއްވުންކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ ކުރިން ހަދާ ތިމާވެށީގެ ދިރާސާ ނުވަތަ އީއައިއޭ ނިމުނުހާ އަވަހަށް އެމްޓީސީސީން ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދިި ބާރު ދުވެލީގައި މަޝްރޫޢު ކުރިއަށް ގެންގޮސް، 30 ހެކްޓަރުގެ ބިން ހިއްކާ ނިންމަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި މަޝްރޫޢުގައި ތިބޭފުޅުން ބޭނުންވާގޮތަށް 2 ހެކްޓަރު ވަކި ރަށެއް ގޮތަށް ހިއްކޭނެ. މި ޔަޤީންކަން ދިނުން އަޅުގަނޑު ބޭނުންމަކީ، މާއެނބޫދޫއަށް އޮތް ޒަމާންވީ ބިމުގެ މައްސަލައަށް ހައްލު ލިބިގެންދިއުން. މިރަށުގެ ރައްޔިތުން އެންމެ އިސްކަންދޭ މައްސަލައަކީ ބިމުގެ ދަތިކަން ހައްލުކުރުން. ސަރުކާރުންވެސް އިސްކަންދެނީ އެރަށެއްގެ ރައްޔިތުން އިސްކަންދޭ މަޝްރޫޢު ހިންގަން. އީއައިއޭއަށް މާގިނަ ދުވަހެއް ނުނަގާނެ. ދެތިން ހަފްތާވެދާނެ. ނިމުނުހާ އަވަހަށް ބިންހިއްކަން ފަށާނަން." ރައީސުޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނޫނަސް ގިނަ މަޝްރޫޢުތަކެއް މާއެނބޫދޫގެ ތަރައްޤީއަށް އެބަހުރިކަމަށާއި، އެގޮތުން އެރަށުގައި ހުއްޓިފައިވާ ފެނާ ނަރުދަމާގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި މާއެނބޫދޫ ސްކޫލް މަޓިޕަރޕަސް ހޯލުގެ މަސައްކަތް މެއި މަހު ނިންމަވާނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މަޑުޖެހިފައިވާ މަޝްރޫޢުތައްވެސް މިމަހުގެ ބާކީ އޮތް ދުވަސްތަކުގައާއި، މާރިޗު މަހު ފެށިގެން ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ވަޢުދުވީގޮތަށް ހުރިހާ ރަށެއްގެ ހުއްޓިފައިވާ މަޝްރޫޢުތައް މި ދެމަހު ފެށިގެންދާނެ. އަޅުގަނޑުމެން ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ސަރުކާރާކުންފުނިތައް މަސައްކަތްކުރަމުންދަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު މާއެނބޫދޫއަށް ވަޢުދުވީ ބިން ހިއްކުމުގެ އިތުރުން ކުޅިވަރުގެ ވަސީލަތް ޤާއިމްކުރުމަށްކަމަށެވެ. ނަމަވެސް އެ މަސައްކަތަކުގެ އިތުރުން، ސިއްޙީ މަރުކަޒަށް ބޭނުންވާ ޖާގައާއި ވަސީލަތް އިތުރުކޮށްދީ ފުރިހަމަކޮށްދިނުމާއި، ކުޅިވަރުގެ ވަސީލަތައް ޤާއިމްކުރުންފަދަ އިތުރު މަޝްރޫޢުތައްވެސް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ފުޓުބޯޅަ ދަނޑާއި ވޮލީ ކޯޓާއި އައުޓްޑޯ ޖިމާއި، ކުޑަކުދިންގެ ޕާކް ތަރައްޤީކުރުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ކޮންމެ މަޝްރޫޢުއެއްގެ އެކި މަރުހަލާތައް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިނަމަވެސް މިސަރުކާރުގެ ސިޔާސަތު ތަފާތުކަމަށާއި، އެއް ބަޔަކާ މުޅި މަޝްރޫޢު ހަވާލުކޮށް އެންމެ ރަނގަޅަށް ނުހުއްޓި ކުރިއަށްގެންގޮސް ފުރިހަމަކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭޣެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އައުޓްޑޯ ޖިމާއި، ކުޑަކުދިންގެ ޕާކް ހެދުން ކުރިއަށްގެންގޮސް ނިންމަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އާރުޓީއެލްގެ ޚިދުމަތް މުޅި ރާއްޖޭގައި މިއަހަރު ފެށުމަށް ނިންމާފައިވާއިރު، ކުރިއަށް އޮތްތަނުގައި ދ. އަތޮޅުގައިވެސް ފެށޭނެކަމަށް ވިދާޅުވިއެވެ. އަދި މާއެނބޫދޫގެ ކަރަންޓުގެ މައްސަލައަށްވެސް ޙައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.