ޚަބަރު

ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރަކަށް ޔަޒްމީދު މުޙައްމަދު


  • މިރަސްމިއްޔާތުގެ ކުރިން، ރައީސްވަނީ ޖޭއެސްސީގެ މެމްބަރުކަމުން އަލްއުސްތާޛު މުޙައްމަދު ސަމީރު ވަކިކުރައްވާފައި.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރަކަށް ގއ.ވިލިނގިލި، ވައިޖެހޭގެ ޔަޒްމީދު މުޙައްމަދު، މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުކަމުން، ރ.އިނގުރައިދޫ، ހިތްވަރު އަލްއުސްތާޛު މުޙައްމަދު ސަމީރު ރައީސުލްޖުމްހޫރިއްޔާވަނީ ވަކިކުރައްވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ޔަޒްމީދު މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ޔަޒްމީދު މުޙައްމަދަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ޔަޒްމީދު މުޙައްމަދާ ހަވާލުކުރައްވާފައެވެ.