ޚަބަރު

މަރުގެ ޙުކުމް ތަންފީޒުކުރަނީ މުޖްތަމަޢުގެ ރައްކާތެރިކަމަށްޓަކައި


ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޛު ކުރައްވަން ނިންމެވީ އެ ޙުކުމް ތަންފީޛު ކުރުމަކީ، އެމަނިކުފާނަށް ފަސޭހަފުޅު ކަމަކަށްވާތީ ނޫންކަމަށާއި، އެއީ މުޅި މުޖުތަމަޢުގެ މަޞްލަޙަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމާއި މުޚަޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒު ކުރެއްވުމަކީ، ބައިނަލްއަޤްވާމީ ގޮތުން މި ސަރުކާރަށް އަންނަ ވަރަށްބޮޑު ގޮންޖެހުންތަކެއްކަމަށެވެ. ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒްކުރެއްވުމަކީ ބައިނަލްއަޤްވާމީ ގޮތުން މި ސަރުކާރަށް އަންނަ ވަރަށްބޮޑު ގޮންޖެހުންތަކާއި، ފާޑުކިޔުންތަކެއް ރައްދުވާ މައްސަލައެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވީ، އެފަދަ ފާޑުކިއުންތައް ރައްދުވިނަމަވެސް ސަރުކާރުގެ އެޢަޒުމަކަށް ބަދަލެއް ނާންނާނެކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ކިތަންމެ އާދައިގެ ރަށެއްގައި ކިތަންމެ ނިކަމެއްޗަކު އުޅުނުނަމަވެސް، އެ ނިކަމެއްޗަކަށްވެސް ޙައްޤުތަކެއް އޮންނަންވާނެކަން އެމަނިކުފާނު ގަބޫލުކުރައްވާކަމަށެވެ. 

ރާއްޖޭގެ ކިތަންމެ އިސް ފަރާތަކުން ނަމަވެސް ޤާނޫނާޚިލާފު ބޮޑު ކަމެއް ހިންގައިފި ނަމަ، ޙައްޤު ޖަޒާ އަދި ޙައްޤު އަދަބު ލިބިގެންދާނެކަން ފާހަގަކުރައްވާ ރައީސް ވަނީ، ޖިނާއީ ޢަދުލުގެ ކުރިމަތީގައި އެންމެންނަކީވެސް ހަމަހަމަ ބައެއްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،  ކޯޓު ޙުކުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމެއް ނޫންކަމަށާއި، އެއީ ޢަދުލު އިންޞާފުގެ ދާއިރާއިން ނިމިގެންދާ ކަމެއްކަމަށެވެ. ރައީސް ވަނީ މުޅި ރައްޔިތުންގެ ޙައްޤުގައި މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޛު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.  އެކަމަށް ބޭނުންވާ ތައްޔާރީތައް މިހާރު ކުރައްވަމުން ގެންދަވާކަން ބަޔާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަސައްކަތަކީ ޒުވާނުން ހަމަ މަގަށް އެޅުވުމަށްޓަކައި ކުރެވޭ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14664227471418.jpg|އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުގެ ޙުކުމް އިއްވާފައިވާ ހުމާމް / ފައިލް ފޮޓޯ: ޕީއެސްއެމް

" ރާއްޖޭގެ އެކި ހިސާބުގައި، ނޫނީ އެކި ފެންވަރުގައި ހިމެނިގެންމިދާ ސިޔާސީ މައްސަލަތަކުގައި، ސިޔާސީ އިސް ފަރާތްތަކުން ކުރައްވާ ކަންކަމުގައި، އެބޭފުޅުންނަށް ޙުކުމް އައިސް، ކޯޓުގެ ތެރެއިން ޙުކުމް ތަންފީޛު ވެގެންދާއިރު، ނުކުންނަ މައްސަލަތަކެއް މަދެއް ނޫން. މި މައްސަލަތައް، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހި ސަރުކާރާ ދޭތެރޭގައި ނަގަނީ ވަރަށް ނޭއްގާނިކޮށް. އަދި ރާއްޖެ ތަރައްޤީގެ މަގުން ކުރިއަށްދާތީޔާއެކީ، ރާއްޖެއާ ދޭތެރޭގައި ކަންބޮޑުވާ ފަރާތްތަކެއް، ނޫނިއްޔާ ޙަސަދަވެރިވާ ފަރާތްތަކެއް ތިބޭނެކަމަށް، އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުން ގަބޫލުކުރަންޖެހޭ" ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ އެތެރޭގައިވެސް މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެ، މިހުރިހާ ގޮންޖެހުންތަކާއިއެކު ސަރުކާރަށް އަންނަ ލޮޅުން ބޮޑުކަން ފާހަގަކުރައްވާފައެވެ.

"މި ވެރިކަމުގެ ދައުރުގެ ތިންވަނަ އަހަރުގެ ތެރޭގައި އުޅޭއިރު، ތިން ނައިބު ރައީސުން އަޅުގަނޑުމެންނާއެކީ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ޑިފެންސް މިނިސްޓަރުންގެ ތިން ބޭފުޅުން. ވަޒީރުންގެ ތެރެއިން ދިހަވަރަކަށް ބޭފުޅުން، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ވަކިވެވަޑައިގެންފި. އެހެންވީމާ، މި ސަރުކާރަށް ހުރި މައްސަލަތައް ކުޑައެއްނޫން. ބައިނަލްއަޤްވާމީ ގޮތުން މި ސަރުކާރަށް ހުރި ދަތިތައް ކުޑައެއްނޫން. މި ދަތި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި މައްސަލަ އުފެދިގެން ދިޔުމަކީ، އަޅުގަނޑަކަށް ގަބޫލުކުރަން ފަސޭހަކަމެއް ނޫން". ސަރުކާރަށް ދިމާވި ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14671857811220.jpg|ޖޫން 22 ގައި ކެބިނެޓަށް އައްޔަންކުރެއްވި ވަޒީރުން / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނޯންނާނެ ކަމަށް ކަނޑައެޅުއްވުމުން އެއީ ބައިނަލްއަޤްވާމީ ގޮތުން ވަރަށްބޮޑު މައްސަލައަކަށްވެގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އިންސާނީ ޙައްޤުތަކާބެހޭ އ.ދ.ގެ ޖަމްޢިއްޔާއާއި  އަދި ދުނިޔޭގެ އެކި ހިސާބުތަކުންވެސް އެ މައްސަލަ، މައްސަލައަކަށް ނެގިކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް މި ފިޔަވަޅު އަޅުއްވަން ނިންމެވީ  މުޅި މުޖުތަމަޢުގެ މަޞްލަޙަތާއި ރައްކާތެރިކަން އޮތީ މި ފިޔަވަޅު އަޅުއްވައިގެންކަން އެމަނިކުފާނަށާއި  ކެބިނެޓަށް ގަބޫލުފުޅުކުރެވޭތީ ކަމަށް ރައީސް ވިދާޅުވިއެވެ.