ޚަބަރު

މައްސަލަތައް ޙައްލުކުރަންޖެހޭނީ ސުލްޙަވެރިކަމާއެކު- ރައީސް ޔާމީން


ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ހުރި މައްސަލަތައް ސުލްހަވެރިކަމާއެކު ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. 

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމާއި މުޚާޠަބު ކުރައްވައި ދެއްވި ޙާއްޞަ ޙިތާބެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޙިތާބުގައި ރާއްޖޭގެ ވެރިކަންކުރާ ޕާޓީ އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޑިމޮކްރެޓިކް ޕާޓީ، ޕީ.ޕީ.އެމް.ގެ ތެރޭގައި ހިތްނުތަނަވަސްވާ ކަހަލަ މައްސަލަތަކެއް ހުރިކަމުގެ ޚަބަރު، މީޑިއާގެ ތެރެއިން އިވިގެން ދިޔަކަމަށް ވިދާޅުވިއެވެ. މިކަމަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނައުމަށް ރައީސަށް ފުރުޞަތުދެއްވުމަށް އެދިވަޑައިގެންފައެވެ. 

ރާއްޖޭގެ ރައްޔިތުންގެ  ކުރިއެރުމަށް ބޭނުންވާ ތަރައްޤީ އަދި ޒުވާނުން ދުޅަހެޔޮކަންމަތީގައި ރަނގަޅު ތަރުބިއްޔަތަކާއެކީ، އަންނަން އޮތް ޖީލުގައި މަސައްކަތް ކުރާނެ ޒިންމާދާރު ބަޔަކަށް ހެދުމުގެ ފުރުޞަތު އެމަނިކުފާނަށް ދެއްވަންޖެހޭކަމަށް ވިދާޅުވިއެވެ. ޕީ.ޕީ.އެމް.ގެ ތެރޭގައި މައްސަލަތަކެއް އުޅޭކަމަށްވާނަމަ، އެމައްސަލަތައް ޙައްލުކުރެވޭނެ ގޮތްގޮތް ހުންނާނެކަމަށާއި، ކޮންމެ ޑިމޮކްރެޓިކް ޕާޓީއަކީ މަޝްވަރާ މަޖިލިސްތަކެއް ހިމެނޭ ޕާޓީއެއްކަމަށާއި، ޕީ.ޕީ.އެމްގެ ތެރޭގައިވެސް މަޝްވަރާ މަޖިލީހުގެ ދެ މަޖިލިސް އޮންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެއީ، ޕާލަމެންޓްރީ ގްރޫޕާއި، ޕާޓީގެ ރައީސަށް ލަފާއަރުވަން އޮންނަ ޕާޓީގެ ކައުންސިލްކަން ފާހަގަކުރައްވާ ރައީސް ވަނީ  މައްސަލަތަކެއް އުޅޭކަމަށްވާނަމަ މި ދެ މަޝްވަރާ މަޖިލިސް މެދުވެރިކޮށް، ޙައްލުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14677256205096.jpg|

ރައީސް ވިދާޅުވީ ޙައްލެއް ނުހޯދުން އެއީ އޮތް ފުރުޞަތެއް ނޫންކަމަށެވެ. ޙައްލެއް ހޯދަންޖެހޭ ސަބަބަކީ، މީގެ ހަތަރު އަހަރު ކުރީގެ ދިވެހިރާއްޖެއަށް އިޢާދަވާން ސަރުކާރުން ބޭނުން ނުވާތީކަމަށް ރައީސް ވިދާޅުވިއެވެ.

 "އަޅުގަނޑު ހުރިހާ ފަރާތަކަށްވެސް މިއަދު މި އިލްތިމާސް ކުރަނީ، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޕާޓީގެ ޢާންމު މެންބަރުންނަށް މި އިލްތިމާސް ކުރަނީ، މި ޙައްލު ހޯދުމުގައި ހުރިހާ ބޭފުޅުން އެކަތިގަނޑަކަށްވެވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އުޞޫލުތަކާ އެއްގޮތަށް، ކަންކަން ނިންމުމަށް، އަޅުގަނޑުމެން ޕާޓީގެ އިސް މީހުންނަށް ހިތްވަރު ދެއްވާ! އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް ޙައްލުވެގެންދާނީ މަޝްވަރާ މޭޒު ކައިރިން. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް ޙައްލުވުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް.  މި ސަރުކާރު މިއައީ ރައްޔިތުންނަށް ޚިދުމަތް ކުރަން. އެހެންވީމާ، ސަރުކާރަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ދެއްވަން އެބަޖެހޭ. ރާއްޖޭގައި މިނަގާ، ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި މިނަގާ ޕޮޒިޝަންތަކުން، ނޫނިއްޔާ އަޅުގަނޑުމެން ނަގާ ފިޔަވަޅުތަކުން އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް ބޮޑެތި އަމާޒުތައް، ގޮންޖެހުންތައް އެބަހުރި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ހުރިހާ ފަރާތަކުންވެސް މަޞްލަޙަތަށް ލޯބިކުރެއްވުމަށް އެދިވަޑައިގެންފައެވެ. މަޞްލަޙަތަށް ލޯބިކުރަންޖެހެނީ، މުޅި ދިވެހިރާއްޖޭގެ، މަޞްލަޙަތަށް ލޯބިކުރާ ބަޔަކަށް ޕާޓީގެ މެމްބަރުން ވާތީކަމަށް ވިދާޅުވެ ރައީސް ވަނީ  ރާއްޖެ މިހާރު މިއޮތް ހިސާބުން އިތުރު ގޯހެއްވާން ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

img:http://s1.psmnews.mv/images/660x400/14612141146490.jpg|ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް  "އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަނީ، އަޅުގަނޑުމެން ޕާޓީގެ ހުރިހާ ފަރާތްތަކަށް، މަޝްވަރާ އިސްކުރުމާއެކީ އަޅުގަނޑުމެންގެ ތެރޭގައި މިހިރަ މައްސަލަތައް، މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި، މުޅި ރައްޔިތުންގެ ޙައްޤުގައި މި މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާ ކުރަން، މި ހިތްވަރު އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އިރާދަކުރެއްވިއްޔާ، މި ހިތްވަރު އަޅުގަނޑުމެންނަށް ލިބޭނެ. މިނޫންގޮތަކަށް މިކަން ކުރެވިއްޖެ ކަމަށްވަންޏާ، މިއީ އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކަށް، ނޫނިއްޔާ ރާއްޖޭގެ ތަރައްޤީއަށް ހުރަސްއަޅަން ހުރި ފަރާތްތަކަށް ލިބޭ ޢީދުގެ ބޮޑު ހަދިޔާއެއް. މި ހަދިޔާދޭކަށް އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރާ އެއްވެސް މީހަކު މި ހަދިޔާދޭކަށް ބޭނުމެއްނުވާނެ. އެހެންވީމާ، އަޅުގަނޑުމެން ކުރާނީ ބިނާކުރަނިވި މަސައްކަތްތަކެއް. ބިނާކުރަނިވި މަސައްކަތްތަކުގެ އަސާސަކީ، ޚިޔާލު ތަފާތުވާއިރު މަޝްވަރާ ކުރުން." ރައީސް ދެއްވި ޚާއްޞަ ހިތާބުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނ ޕީ.ޕީ.އެމް.އާއެކީ ސާބިތުކަމާއެކީ ތިއްބެވުމަށާއި، އުފެދިފައިވާ މައްސަލަތައް، ޙައްލުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވަމުންނެވެ.