ޚަބަރު

ރަމަޟާން މަސް ހޫނު މޫސުމާ ދިމާވާތީ މާލޭގެ ކަރަންޓް ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރަނީ


  • އިތުރު ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި

  • ރަމަޟާން މަހުގެ ކުރިން މަސައްކަތް ނިމޭނެ

މިއަހަރުގެ ރަމަޟާންމަހު އިތުރުވާ ކަރަންޓް ކެޕޭސިޓީއާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އިތުރު ޖަނަރޭޓަރތަކެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ހުޅުމާލޭގައެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ރަމަޟާންމަހު ގޭބީސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާންމަހު ޕީކްގައި 114 މެގަވޯޓަށް ކަރަންޓް ބޭނުންކޮށްފައިވާކަމަށެވެ. މިއަހަރު އެ ކުންފުނިން އަންދާޒާކުރަނީ ޕީކް ގަޑިތަކުގައި 132 މެގަވޯޓަށް ކަރަންޓް ބޭނުންކުރާ މިންވަރު އަރައިގެންދާނެކަމަށެވެ. އެހެންކަމުން މިއީ 17 މެގަވޮޓްގެ އިތުރުވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަމަށް ސްޓެލްކޯއިން މިހާރު ތައްޔާރުވަމުން އަންނަކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި މަސައްކަތް ރަމަޟާންމަސް ފެށުމުގެ ކުރިން ނިމޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިވަގުތު ހުޅުމާލޭގައި މިކުރާ މަސައްކަތަކީ ރޯދަމަހާއި ދިމާކޮށް ހޫނު މޫސުންވެސް މިއަންނަނީ އެހެންވީމަ ހޫނު މޫސުމަށް އިތުރު 17 މެގަވޮޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ. އަޅުގަނޑުމެން ތަންކޮޅެއް ލަހުން މި މަސައްކަތް ފެށި ސަބަބަކީ އަޅުގަނޑުމެންނަށް ބިން ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު. އެހެންނަމަވެސް ސްޓެލްކޯއިން މިވަނީ މިކަމަށް ވާންޖެހޭ ހުރިހައި ތައްޔާރީތައް ވެފައި". ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ މިކަމަށް ބޭނުންވާ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލް މިހާރު އެ ކުންފުންޏަށް ލިބިފައިވާކަމަށެވެ. ކުރިއަށްއޮތް 8 ވަރަކަށް ދުވަހުގެ ތެރޭގައި އިންޖީނުތައް އިންސްޓޯލްކޮށް ޚިދުމަތްދޭން ފެށޭނެކަމަށެވެ. މި ރޯދަމަހު ކެޕޭސިޓީ ނެތިގެން ކަރަންޓް ކަނޑާލާކަށް ނުޖެހޭނެކަމުގެ ޔަޤީންކަން ފަހުމީ ވަނީ ދެއްވާފައެވެ.

ސްޓެލްކޯއިން މިތަނުގައި ބަހައްޓަނީ 13 މެގަވޯޓްގެ 2 ޖަނަރޭޓަރެވެ. ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން ކަރަންޓް އިޤްތިޟާދުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކުރިއަށްއޮތް ރަމާޟާންމަހުގެ ތެރޭގައި ގޭބީސީތަކުން ވަރަށް ބޮޑަށްވެސް ކަރަންޓް އިޤްތިޞާދުކުރުމަށް އެ ކުންފުނިން އެދިވަޑައިގަންނަވައެވެ.