ޚަބަރު

މިހާރު އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ ޤަވާއިދު އިސްލާހުކުރަން އާންމުންގެ ޚިޔާލަށް ހުޅުވާލައިފި


  • 23 ފެބްރުއަރީ ވަނަ ދުވަހުގެ ކުރިން ހިޔާލު ހުށައެޅޭނެ

މިހާރު އެކުލަވާލާފައިވާ ބޭރު ފައިސާއާއި ބެހޭ އާންމު ޤަވައިދަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުޞަތު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ހުޅުވާލައިފިއެވެ.

ބޭރު ފައިސާއާއި ބެހޭ ޤާނޫނުގެ 24ވަނަ މާއްދާގެ ދަށުން ޤަވައިދުތައް ހެދުމާއި ތަންފީޒްކުރުމަކީ އެމްއެމްއޭގެ ޒިންމާއެކެވެ. އެހެންކަމުން އެމްއެމްއޭއިން ބޭރު ފައިސާއާއި ބެހޭ އާންމު ޤަވައިދެއް އެކުލަވާލުމުގެ މަސައްކަތް އެ އޮޓޯރިޓީން ކުރަމުން އަންނަކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

މި ޤަވައިދުގެ މައިގަނޑު މަޤްސަދަކީ ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތައް ކަނޑައެޅުމާއި، ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކްތަކަށް ޖަމާކުރުމާއި، މާރުކުރުމެވެ. އަދި ޤާނޫނު ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމާއި އަދި މިކަންކަމާއި ގުޅުންހުރި އެހެނިހެން ކަންކަމާއި ބެހޭ އުޞޫލުތަކާއި އިޖުރާއަތު ކަނޑައެޅުންކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

އެމްއެމްއޭއިން ވިދާޅުވީ، މިހާރު އެކުލަވާލާފައިވާ ބޭރު ފައިސާއާއި ބެހޭ އާންމު ޤަވައިދަށް އާންމުންގެ އެއްވެސް ހިޔާލެއްވާނަމަ 23 ފެބްރުއަރީ ވަނަ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ([email protected]) މެއިލް ކުރުމަށް ވަނީ އެދިފައެވެ.

އެމްއެމްއޭއިން އަލަށް އަމަލުކުރަން ފެށި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިއާ ބެހޭ ޤަވާއިދަކީ 1987 އިން ފެށީގެން އަމަލުކުރަމުންއައި ޤަވާއިދުގެ ބަދަަލުގައި ޢަމަލުކުރަން ފެށި އައު ޤަވާއިދެކެވެ. މި ޤަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް އެ ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއް ކަނޑައެޅުމެވެ.