ށ. ފޭދޫ ކައިރީގައި ސްޕޯޓްސް ފިޝިންގ ކަނދުފައްޗެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި ފޭދޫ ކައުންސިލާއި ދެމެދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ އެ ރަށު ކައުންސިލުން ވަޒީރު ޝިޔާމްއާއިއެކު ބޭއްވި ބައްދަލުވުމުގައެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯރޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފަައްޗެވެ. ސްޕޯރޓްސް ފިޝިން ކަނދުފަތިތަކަކީ މިހާރު ވަރަށް ޑިމާންޑު ބޮޑު ކަނދުފަތިތަކެއްކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ށ. ފޭދޫ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ ށ. ފޭދޫ ކައިރީގައި ސްޕޯޓްސް ފިޝިންގ ކަނދުފައްޗެއް ޤާއިމުކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ އަދި މީގެއިތުރުން ށ. ފޭދޫއިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގައި ހުންނަ ސެންޓަރެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ސްޕޯރޓްސް ކަނދުފައްޗަށް ގިނަ އަދަދެއްގެ ރިކުއެސްޓް އައި ނަމަވެސް އެންމެ ސެންޓަރެއް ހުރުމުގެ ސަބަބުން ގިނަ ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ޤާއިމްކުރާގެ ދެ ސެންޓަރު އަޅާނެކަން އިއުލާންކުރައްވާފައެވެ. އެއީ ށ.ފުނަދޫއާއި ގދ. ވާދޫއެވެ. ށ. ފުނަދޫގައި އަޅާ ކަނދުފަތި ސެންޓަރު މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހުގައި މިހާތަނަށް ޖުމްލަ 29 ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަ މަހުގެ މަސްވެރިކަމަށް ޚާއްޞަ 18 ކަނދުފައްޗާއި 11 ވަދު ކަނދުފައްޗެވެ.