ޚަބަރު

ދަނޑުވެރިކަމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނަން: ވަޒީރު ޑރ. މާރިޔާ


  • ވަޒީރު މިހެން ވިދާޅުވީ ގދ. އަތޮޅުގެ ދަނޑުވެރިންނާއި ބައްދަލުކުރައްވައި

  • އެއަތޮޅުގެ ބައެއް ފަޅުރަށްތަކަށް ވަޒީރު ވަނީ ޒިޔާރަތްކުރައްވާފައި

ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެދާއިރާއިން ޒުވާނުންނަށް ބޭނުންވާ އިތުރުއެހީތެރިކަން ފޯރުކޮށްދީ، ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް ރާވަމުން އަންނަކަމަށް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެންވިދާޅުވީ ގދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން، އެއަތޮޅުގެ ބައެއް ޒުވާން ދަނޑުވެރިންނާއި ބައްދަލު ކުރެއްވުމަށްފަހުއެވެ.

ގދ. އަތޮޅަށް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މާރިޔާ ކުރައްވަމުން ގެންދަވާ ދަތުރުފަކީ އެ އަތޮޅުގައި ދަނޑުވެރިކަން ކުރަމުން އަންނަގޮތް ބައްލަވާލެއްވުމަށް ފައްޓަވާފައިވާ ދަތުރުފުޅެކެވެ.

ވަޒީރު މާރިޔާ ވިދާޅުވީ މިހާރަކަށް އައިސް ދަނޑުވެރިކަމުގެ ދާއިރާއިން ޒުވާނުން ފެންނަމުންދާކަމަށެވެ. ޒުވާނުން ދަނޑުވެރިކަމުގައި ބައިވެރިވާތަން ފެނުމަކީ ވަރަށް އުފާވާކުރައްވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަނޑުވެރިކަމަކީ ހަމައެކަނި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ އިތުރުން މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދަނޑުވެރިކަމަކީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނޫން، އަދި ޤައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް. ޒުވާނުންނަށް އިތުރު އެހީތެރިކަމާއި ބާރުވެރިކުރުވުމަށް އަޅުގަނޑުމެން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ރާވަމުން ގެންދަން". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ދަނޑުވެރިކަމުގެ ސިނާއަތުގައި ހިމެނިގެން ދިއުމަކީ ރަނގަޅު ފާލެއްކަމަށެވެ. އޭރުން މި ސިނާއަތް އައު ޚިޔާލުތަކާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުންދާނެކަމަށެވެ.

ދަނޑުވެރިކަމާއި ބެހޭ ވަޒީރުގެ މި ދަތުރުފުޅުގައި ގދ. އަތޮޅުގެ ބައެއް ފަޅުރަށްތަކަށް ޒިޔާރަތްކުރައްވައި، އެރަށްތަކުގެ ޙާލަތުވެސް ވަނީ ބައްލަވާލައްވާފައެވެ.

އެކަމަނާވަނީ އެ އަތޮޅުގެ ހުޅެއްދޫ، ކާށިހުޅުދޫ(ކައުޓި ހުޅެދޫ) އަދި ހަވޮޑިގަލާ އަށް ޒިޔާރަތްކުރައްވާ އެރަށްރަށުގެ ހާލަތު ބައްލަވާލައްވަވާފައެވެ.

މި ދަތުރުފުޅުގައި އެއަތޮޅުގެ ރަށްރަށުގައި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކޮށް، ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމާއި ބެހޭގޮތުން ކައުންސިލްތަކާއިއެކު ފުޅާދާއިރާއެއްގައި ވަޒީރު ދަނީ މަޝްވަރާވެސް ކުރައްވަމުންނެވެ.