ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފްގެ ދެވަނަ ލެގުގައި ރޭ ފެޔަނޫޑް އާއި ދެކޮޅަށް އޭސީ މިލާން ކުޅޫނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ މުބާރާތުން އޭސީ މިލާން ކަޓައިފި އެވެ.
މި ދެ ޓީމުގެ ފުރަތަމަ ލެގުގެ ކުރިމަތިލުން 1-0 ގެ ނަތީޖާއަކުން ފެޔަނޫޑް އިން މިދިޔަ ހަފްތާގައި ކާމިޔާބު ކުރުމަށްފަހު ރޭ މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގުގެ ނަތީޖާ 1-1 އިން އެއްވަރުވުމާއިއެކު ފެޔަނޫޑް އަށް ވަނީ 2-1 ގެ ނަތީޖާއަކުން ކުރި ލިބިފަ އެވެ.
ސެންސީރޯ ސްޓޭޑިއަމްގައި ފަންސާސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ރޭ ކުޅުނު ދެވަނަ ލެގުގައި ވަނީ ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުގައިވެސް ތިބީ 10 ކުޅުންތެރިންނެވެ.
މި މެޗުގެ ކުޅުން ފެށުނުތާ ތިރީސް ހަ ސިކުންތުގެ ތެރޭގައި މިލާނުގެ ސެންޓީއާޖޯ ހިމިނޭޒް ވަނީ އޭނާގެ ކުރީގެ ކްލަބު ކަމުގައިވާ ފެޔަނޫޑު ކޮޅަށް ލަނޑެއް ޖަހާ މިލާނަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ޖެހި އެންމެ އަވަސް ލަނޑެވެ.
މި ލަނޑަށްފަހުވެސް މެޗުގެ ފުރަތަމަ ހާފުގައި މިލާނަށް ވަނީ ލީޑު ފުޅާ ކުރަށް ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ކްރިސްޓިއަން ޕުލިސިޗް އާއި ކައިލް ވޯކާއަށް ލިބުނު ފުރުސަތުތައް ފާހަގަ ކުރެވެ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑަކާއިއެކު ރެފްރީ ވަނީ މިލާނުގެ ތިއޯ ހަނާންޑޭޒް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ފެޔަނޫޑް އިން އެ ޓީމުގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެފައިވާ ޕަސްކަލްގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި އިދިކޮޅު ޓީމުން އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިއުމުގެ ފައިދާ ނަގާ މެޗުގެ 73 ވަނަ މިނިޓުގައި ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޫލިއަން ކަރަންޒާ އެވެ.
1974 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ފެޔަނޫޑް އިން ހޯދާފައިވާއިރު މި މެޗުގެ ފުރިހަމަ ވަގުތަށްފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ފެނޫޑްގެ ޑިފެންޑަރ ޖިވެއިރޯ ރީޑް އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފަ އެވެ.
ޗެމްޕިއަންސް ލީގުގައި ކާމިޔާބު މާޒީއެއް އޮތް އޭސީ މިލާނަށް 14-2013 ވަނަ އަހަރުގެ ސީޒަނަށްފަހު މިހާތަނަށް މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފައިވަނީ 23-2022 ވަނަ އަހަރުގެ ސީޒަނުގައި ސްޓެފަނޯ ޕޮއޯލީގެ އިރުޝާދުގެ ދަށުންނެވެ. އެ ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް މިލާން ވަނީ ދަތުރު ކޮށްފަ އެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން އޭސީ މިލާނުގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ ބުނެފައިވަނީ މިއީ އޭނާއަށް ކުރިމަތިވި ބޮޑު ބައްޔެއް ކަމަށާއި މިކަމުގެ ޒިންމާ އޭނާ ފުރިހަމަ އަށް ނަގާ ކަމަށެވެ.
"މިއީ ވަރަށް ބޮޑު ބައްޔެއް އަދި މިކަމުގެ ހުރިހާ ޒިންމާއެއް އަހަރެން ނަގަން. މިކަމުގައި އަހަރެން އެހެން އެއްވެސް މީހެއްގެ ވާޙަކަ ދައްކާކަށް ބޭނުމެއް ނޫން. އަހަރުމެން މިއަށްވުރެ ބޮޑަށް ވިސްނުންތެރިކަމާއިއެކު ކުޅެންޖެހޭ މެޗެއް މިއީ." ކޮންސެއިސާއޯ ބުންޏެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ފެޔަނޫޑް އާއި ކޫޅޭނެ ޓީމެއް އެނގިގެންދާނީ އަންނަ ހުކުރު ދުވަހު ބާއްވާ ގުރުއަތުލުމަށްފަހުގަ އެވެ.