ކުޅިވަރު

"މިއީ ޝޫޓަރުން ކުރިއަށްދިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް"


އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގައި ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބަކީ ޝޫޓަރުންނަށް އިތުރަށް ކުރިޔަށް ދިޔުމަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށް ޝޫޓިން އެސޯސިއޭޝަންގެ ނައިބު ރައީސް ކާނަލް އަހުމަދު ޒުބައިރު ވިދާޅުވެއްޖެއެވެ.

މުބާރާތުގައި ބައިވެރިވި އެތުލީޓުން ލިބުނު ކާމިޔާބާއެކު އެނބުރި ރާއްޖެ އައުމުން މަރުހަބާ ދަންނަވަން އެއަޕޯޓުގައި ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަދައްކަވަމުން ވިދާޅުވީ މި ކާމިޔާބާއެކު ހަރަކާތްތައް މިއަހަރު ވެސް އިތުރުވެގެން ދާނެކަމަށާއި މިހާރު އެންމެބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާނީ ޝޫޓިންނަށް ބޭނުންވާ އާލާތްތައް އިތުރުކުރުން ކަމަށް ކާނަލް ޒުބައިރު ވިދާޅުވިއެވެ.

މުބާރާތުން ރާއްޖެއަށް ލިބިގެންދިޔައީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، މިއީ ގިނަ ދުވަސްތަކަކަށްފަހު ބައިނަލްއަގުވާމީ މުބާރާތަކުން ލިބުނު ބޮޑު ކާމިޔާބެއްކަން ކާނަލް ޒުބައިރު ފާހަގަކުރިއެވެ. ދުވަސްތަކަކަށްފަހު ރިހިމެޑަލް ލިބުމަކީވެސް ކާމިޔާބު ހާއްސަވާ ސަބަބެއް ކަމަށް ކާނަލް ޒުބައިރު ވިދާޅުވިއެވެ.

" އޭގެއިތުރުން އަޅުގަނޑުމެން މިދަނީ ރޭންޖް ފެސިލިޓީއެއް އިތުރުކުރުމުގެ މަސައްކަތް ކުރަމުން، އެހެންވީ މިކަންތައްތައް އަހަރު ކުރިޔަށް އޮތީ، މިކަންތައްތަކުގެ ބޮޑުބަޔެއް ކާމިޔާބުވާނެ ކަމަށް އުންމީދުކުރަން." ކާނަލް ޒުބައިރު ވިދާޅުވިއެވެ.

ކާނަލް ޒުބައިރު ވިދާޅުވީ އެސޯސިއޭޝަނާއި މީގެ ތިންއަހަރު ކުރިން ހަވާލުވިއިރު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައެޅިކަމަށާއި އެގޮތުން އާންމު ރައްޔިތުންނަށް މި ކުޅިވަރު ހުޅުވާލުމާއި، ސުކޫލް ކުދިން މި ކުޅިވަރުގައި ބައިވެރިކުރުން ހިމެނޭކަމަށެވެ.

މަގާމާ ހާވަލުވެ ދެން އެންމެބޮޑަށް މަސައްކަތް ކުރީ ރޭންޖް ފެސިލިޓީއެއް ހޯދަން ކަމަށާއި މިހާރު އެކަމުގެ އަލިމަގެއް ފެނިފަވާކަމަށް ކާނަލް ޒުބައިރު ވިދާޅުވިއެވެ.

"މިދައްކަނީ އެންމެ ފުރިހަމަ ރޭންޖެއްގެ ވާހަކައެއް ނޫން، ވަގުތީ ހައްލެއް އަޅުގަނޑުމެން މި ހޯދީ، އެހެންވީމަ އެ މަސައްކަތް މިދަނީ، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް ދެއްވާފަ އޮތީ (ސަރުކާރުން)، އަޅުގަނޑުމެން މި ބޭނުން ކުރާ ރިސޯސަސްތައް، ހަތިޔާރު، ޖެކެޓްސް، އަޅުގަނޑުމެންނަށް އިންވެސްޓް ކޮށްދެއްވާނެކަމަށް." ކާނަލް ޒުބައިރު ވިދާޅުވިއެވެ.

ކާނަލް ޒުބައިރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފަރާތްޕުޅުން ހިތްވަރު ލިބިވަޑައިގަތުމަކީ ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބެއްކަން ފާހަގަކުރައްވާފައެވެ. ހާއްސަކޮށް މިފަހަރު ރިހި މެޑަލް ހޯއްދެވި އީޝަލަށް ރައީސް މަރުހަބާ ދެންނެވުމަކީ މުޅި ޝޫޓިންގެ އާއިލާއަށް ލިބިގެންދިޔަ ދިރުމެއްކަމަށް ވިދާޅުވިއެވެ.

ކާނަލް ޒުބައިރު ވަނީ ޝޫޓިން ކުޅިވަރު ތަރައްގީކުރުމަށް ކުޅިވަރު ވުޒާރާއިންނާއި، ކުޅިވަރު ވަޒީރު ކޮށްދެވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި ދިފާއީ ވުޒާރާއިން ކުޅިވަރު ކުރިއެރުވުމަށް ދެއްވާ އެއްބާރުލުންވެސް ވަނީ ފާހަގަކޮށްފައެވެ.