މިނިވަން މުޢައްސާސާތަކުގެ މުސާރައަށް ބަދަލު ގެނެވޭނީ ޤާނޫނު އިސްލާހުކޮށްގެން ކަމަށްވާތީ، ޤާނޫނޫ އިސްލާހުކުރުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ނިންމައި މުސާރަ ކުޑަކުރުމާއި ގުޅޭ މައްސަލައިގެ ރިޕޯޓު މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.
އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ތެރެއިން ކުރިއަށް އޮތް 2 އަހަރު ދުވަހަށް، މިނިވަން މުޢައްސާސާތަކުގެ އިސްވެރިންގެ މުސާރައިގެ ތެރެއިން 12،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މުޢައްސާތަކުގެ އިސްވެރިންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ވަނީ ނިންމަވާފައެވެ. އަދި މަޖިލީހަށް ފެނިވަޑައިގަންނަވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުޢީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ވަނީ ނިންމާފައެވެ. މިކަމާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާކުރެއްވިއިރު، ކޮމެޓީން ނިންމެވި ގޮތުގެ ރިޕޯޓު ވަނީ ކޮމެޓީ ބައްދަލުވުމުގައި ހުށަހަޅާފައެވެ. މި ރިޕޯޓުގައިވާ ގޮތުން، ގިނަ މިނިވަން މުޢައްސާސާތަކުގެ މުސާރައާއި އިނާޔަތަށް ބަދަލު ގެނެވެނީ ޤާނޫނުތަކަށް އިސްލާހު ހުށަހަޅައިގެން ކަމަށެވެ. އަދި އެއް ގިންތިއެއްގެ މުސާރައާޢި އިނާޔަތްތައް އުނިކުރަން ޖެހޭނީ އެއްހަމައެއްގެ މަތިން ކަމަށްވުމާއެކު މިފަދަ ގޮތަކަށް ނިންމުމަކީ އިންސާފުވެރި އަދި އަދުލުވެރި ގޮތެއް ނޫން ކަމާށް ވަނީ ހުށަހަޅާފައެވެ. އެހެންކަމުން މިވަގުތު މުސާރައިން އުނިކުރުމަށް ނުފެންނަ ކަމަށް ރިޕޯޓުގައި ވެއެވެ.
މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމެޓީގެ މުޤައްރިރު ޤާސިމް އިބްރާހިމް ވިދާޅުވީ، މި އިސްލާހުތައް ނުގެނެސް މުސާރަ ކުޑަކުރެވޭނީ މަޖިލިސް މެންބަރުންނާއި، އޮޑިޓް އޮފީހާއި ޖުޑީޝަރީގެ އެކަނި ކަމަށެވެ. އަދި މިއީ އެންމެ 14 މިލިޔަން ރުފިޔާ ކަމަށުގައި މުޤައްރިރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މޯލްޑިވް މީޑިއާ ކައުންސިލް ފަދަ ތަންތަން އެއްކޮށްލައިގެ ޚަރަދު ކުޑަކުރެވޭނެތީ މިފަދަ އެހެން ތަންތަން ފާހަގަކޮށް ޤާނޫނުތަކުގެ ތެރެއިން އެބަދަލުތައް ގެނައުމަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ކޮމެޓީ ރިޕޯޓުގައިވެއެވެ. މި ބައްދަލުވުމުގައި ރިޕޯޓަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށެހެޅި އިސްލާހުގައި ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަލުން ހުށަހެޅުމަށް ލަފާދޭން ވަނީ ރިޕޯޓް އިސްލާހުކޮށްފައެވެ. މި އިސްލާހު ހިމަނައި ރިޕޯޓް ތަޅުމަށް ފޮނުވުމަށް ފާސްވީ ކޮމެޓީއަށް ހާޒުރުވެ ތިބި މެންބަރުންގެ އިއްތިފާޤުންނެވެ.
މިރިޕޯޓު ފާސްވުމާއެކު ރިޕޯޓް ވަނީ މަޖިލީހުގެ ތަޅުމަށް ގޮތެއް ނިންމުމަށް ފޮނުވާފައެވެ.