ރާއްޖެއިން މިއަހަރު ޙައްޖަށްދާ ހައްޖާޖީންގެ 500 މީހުން ދަތުރުކުރާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުގައިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ގެންދިއުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ބޭއްވި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. މިއީ ދިވެހި ރައްޔިތުންނަށް ޤައުމީ އެއަރލައިންގައި ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިވެގެންދިޔަ ދުވަސްކަމަށާއި މިކަން ފަހިވެގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މަސައްކަތްޕުޅުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެހެން ޤައުމުތަކުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭކަމެއް ޙައްޖުވެރިން ޤައުމީ އެއަރލައިންތަކުގައި ދަތުރުކުރުން. ރާއްޖޭގައި މިދިޔަ ދުވަސްތަކުގައި އެ ފުރުސަތު ނެތީމަ ބޭރުގެ އެއަރލައިންތައް ޗާޓަރކުރަމުން ދަނީ. އަޅުގަނޑުމެންގެ މުސްތަޤްބަލްގެ އަމާޒަކީ ރާއްޖޭގެ ހައްޖުވެރިންގެ %100 ރާއްޖޭގެ ގައުމީ އެއަރލައިންގައި އުފުލުން. އެކަމަކު މިއަހަރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ %50 ގައުމީ އެއަރލައިންގައި ދަތުރުކުރުމަށް." ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށްދާ 1000 މީހުންގެ ތެރެއިން 500 މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓްގައިކަމަށެވެ. މޯލްޑިވިއަންގެ ބޯޓުގައި ޙައްޖުވެރިން އުފުލަން ފެށުމަކީ ދިވެހިން ހައްޖަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ އެދިވަޑައިގަތުމުގެ ފެށުމަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހި ހައްޖުވެރިން އަޅުގަނޑުމެން ސައުދީއަށް މިގެންދާ ކޯޓާގެ %50 އެއީ 500 ހައްޖުވެރިން ސައުދީއަށް ގެންދިއުމުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ ޚަރަދު ގާތްގަނޑަކަށް 3.6 މިލިޔަން ރުފިޔާ ޚަރަދު ކުޑަވެގެން އެބަދޭ އެހެންނޫނިއްޔާ އަޅުގަނޑުމެން ޓްރާންސްޕޯޓަށް މިކުރާ ޚަރަދަށް ބަލާއިރު. އެހެންވީމަ އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށްއޮތް ތަނުގައި ހުރިހައި ހައްޖުވެރިންވެސް ހަމަ މޯލްޑިވިއަންގެ ފްލައިޓްގައި ސައުދީ އަރަބިއްޔާއަށް ގެންދިއުން". ޝަކީލް ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާޒް ވިދާޅުވީ، މިއީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މިކަން ފުރިހަމަކަމާއިއެކު ކުރިއަށްގެންދިއުމަށް އެ ކުންފުންޏަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރާނެކަމަށެވެ.
"މިކަމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް. އެއީ ގައުމީ އެއަރލައިންގައި ހައްޖާޖީން އުފުލަން ފުރުސަތު ލިބިގެން ދިއުމަކީ. މިކަން މި ފަހިވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ސަބަބުން ޤައުމީ އެއަރލައިންއަށް ވައިޑް-ބޮޑީ އެއަރކްރާފްޓް މި ޖަނަވަރީ މަހު ތައާރަފްކުރެވި ވަނީ ދުރު މަންޒިލްތަކަށް ދަތުރުކުރަން ފެށިފައި." އިޔާޒް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ޚިދުމަތައް ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސްފައިވަނީ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި މަތިންދާބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މިހާރު މި ބޯޓުގެ ދަތުރުތައް ކުރަމުންދަނީ ޗައިނާގެ 3 މަންޒިލަކަށެވެ.