ޚަބަރު

ރަމަޟާން މަހު ބާޒާރުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ފުލުހުން ފަށައިފި


  • ބާޒާރު ފިހާރަތަކާއި ބޯޓު ފަހަރުގައި މަސައްކަތްކުރާ މީހުންނަށް މަޢުލޫމާތުދޭ

  • ކޮންމެ އަހަރަކުވެސް ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގާ

  • ބާޒާރުމައްޗަށް އާދަޔާ ޚިލާފަ ޓްރެފިކް ބާރުބޮޑުވޭ

ރަމަޟާން މަހާ ދިމާކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ފަށައިފިއެވެ.

މި މަސައްކަތަކީ ރަމަޟާންމަހު މަރުކޭޓު ސަރަޙައްދުގައި ބާރުބޮޑުވުމާއި ތޮއްޖެހުމުގެ މައްސަލަ ވީހާވެސް ކުޑަވާނެގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ތައްޔާރުވުމަށްވެސް ފުލުހުން ދަނީ މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓުން ވިދާޅުވީ ރަމަޟާން މަހާ ދިމާކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ މަސައްކަތް ފަށާފަވާކަމަށެވެ. އެގޮތުން ޚިދުމަތްދޭ ވަގުތުތަކާއި އަދި މަގުތަކުގެ ބާރު ކުޑަކުރުމާއި ޚިދުމަތްތައް އަވަސްކުރުމުގައި ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދަނީ ޙިއްސާކުރަމުންނެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ މާލޭގެ މަގުތައް އިތުރަށް ހަލަބޮލިވެ، ބާޒާރު ކުރުމަށް ގިނަ ބަޔަކު ނިކުންނަ މަހެއްގެ ގޮތުގައި ފާހަގަވާއިރު ޓްރެފިކްގެ މައްސަލަ ހައްލުކުރަން ކޮންމެ ރޯދަމަހަކާ ދިމާކޮށް ފުލުހުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ރޯދަމަހުވެސް މުދާ އުފުލުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ދުއްވާ އުޅަނދުތަކަށާއި، ހިނގާ ބިގާވެ އުޅޭ މީހުންނަށް ފަސޭހައިން މަގު ބޭނުން ކުރެވޭނެ ގޮތްތަކެއް ފަހި ކުރުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރޯދަމަހު މާލޭގައި ޓްރެފިކް އެންމެ ބާރު ބޮޑުވާ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖްކުރުމުގެ މަސައްކަތް ފުލުހުން އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން މިއަހަރު ރަމަޟާންމަހުވެސް، ޚާއްސަ އިސްކަމެއް ދީގެން ބާޒާރުމަތި ސަރަޙައްދުގެ ޓްރެފިކް މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ފަށާފަވާއިރު، މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ. އެގޮތުން މާލެއާއި ހުޅުމާލެ ހިމެނޭހެން މަގުތައް ޕެޓްރޯލްކުރުމާއި، އަދި ދުއްވާ އުޅަނދުތަކަށް ފަސޭހަކުރުމަށް ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ދަނީ ގެންނަމުންނެވެ.