މުނިފޫހިފިލުމުގެ ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭން ނިންމާފައިވާ ޚާއްސަ ޕްރޮގްރާމްތައް ލޯޗްކުރުން މިރޭ އޮންނާނެއެވެ.
ޕަބްލިކް ސަރވިސް މީޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންވާނެ ކަންކަން އަންގައިދީ، އުނގަންނައިދީ އަދި މުނިފޫހިފިލުވުމާއި އެއްބައިވަންތަކަން އާލާކުރުމަށް އެކި ފަންނުގެ ހަރަކާތްތައް ހިންގުމަށް އަބަދުވެސް އިސްކަންދޭކަމަށް ޕީއެސްއެމްއިން ފާހަގަކުރެއެވެ. މިކަންކަން ހާސިލް ކުރުމަށްޓަކައި 2025 ވަނަ އަހަރުގެ ތެރޭގައި ބެލުންތެރިންނަށް ކަމުދާނެ ތަފާތު ޕްރޮގްރާމްތަކެއް އުފައްދާ ގެނެސްދިނުމުގެ މަސައްކަތް މިވަނީ ފަށާފައެވެ.
އެގޮތުން، މިއަހަރަށް ރާވާފައިވާ ބޮޑެތި ޕްރޮގްރާމްތައް ލޯންޗްކުރުމަށް ބާއްވާ ޚާއްސަ އިވެންޓް "ޕީއެސްއެމް ދެހާސް25 - ޓުވަރޑްސް ޓްރާންސްފޮމޭޝަނަލް އިނޮވޭޝަން" މިރޭ އޮންނާނެއެވެ.
ޕީއެސްއެމްގެ މެނޭކްމެންޓުން ފާހަގަކުރައްވާ ގޮތުގައި ވޭތުވެދިޔަަ އަހަރުތަކުގައި، މަޢުލޫމާތާއި ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތައް ކުރިއަށް ގެންދިޔަނަމަވެސް، މުނިފޫހިފިލުވުމާއި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްތައް ވަނީ މަދުވެފައެވެ.
މި ރަމަޟާން މަހު ޕީއެސްއެމްގެ އެކި ޗެނަލްތަކުން ގެނެސްދޭ ޚާއްސަ ޕްރޮގްރާމްތަކާއި، މިއަހަރަށް ކަނޑައަޅާ ޕްރޮގްރާމްތައް އަދި މިއަހަރުން ފެށިގެން ކުރިއަށް އޮތް އަހަރުތަކަށް ސިލްސިލާކޮށް ގެނެސްދޭ ޕްރޮގްރާމްތައްވެސް މިރޭ ބާއްވާ ޚާއްސަ އިވެންޓުގައި ލޯންޗްކުރާނެއެވެ. މީގެތެރޭގައި އަހަރުތަކެއް ކުރިން ގެނެސްދީފައިވާ، ބެލުންތެރިންގެ ބޮޑު ޝަޢުގުވެރިކަމެއް ހޯދި އެކިއެކި ޕްރޮގްރާމްތައް ހިމެނެއެވެ. މި ޕްރޮގްރާމްތައްވެސް ގެނެސްދޭނީ، ބެލުންތެރިން ޝަޢުގުވެރިވާނެ އިތުރު ބައިތައްވެސް ހިމެނޭގޮތަށެވެ.
ޕީއެސްއިން ގެނެސްދޭ މިފަދަ ޕްރޮގްރާމްތަކާއި ރިއަލިޓީ ޝޯވތަކަކީ ފަންނުވެރިކަމާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ގިނަ ބަޔަކު ނެރެދިން ޕްރޮގްރާމްތަކާއި ޝޯވތަކެކެވެ. މި ޕްރޮގްރާމްތައް އަލުން ލޯންޗްކޮށް، ކުރިއަށްގެންދިއުމުގެ މުހިންމު އެއް މަޤުޞަދަކީވެސް މިއީކަމަށް ޕީއެސްއެމްއިން ފާހަގަކުރެއެވެ.
މީގެއިތުރުން ޕީއެސްއެމްއަށް މުޅިން އަލަށް ތަޢާރަފުކުރާ ޕްރޮގްރާމްތައް ލޯންޗްކުރުންވެސް އޮންނާނެއެވެ. އެގޮތުން، ލަވައާއި ސަޤާފީ ކުޅިވަރުތަކާއި އަދި ޑްރާމާފަދަ މުނިފޫހިފިލުވުމާއި ގުޅޭ އެކި ކެޓަގަރީތަކުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
"ޕީއެސްއެމް ދެހާސް25 - ޓުވަރޑްސް ޓްރާންސްފޮމޭޝަނަލް އިނޮވޭޝަން" އިވެންޓް އޮންނާނީ މިރޭ 09:00 ގައެވެ. މި އިވެންޓް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެއެވެ. މި މަސައްކަތަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އަދި މުއައްސަސާތަކުގެވެސް އެއްބާރުލުމާއެކު ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.