ޚަބަރު

ޤައުމު ސަލާމަތް ކުރާ މީހަކީ ޤާނޫނުތަކާ ޚިލާފުވެފައިވާ މީހެއް ނޫން: ޓްރަމްޕް


ހަރުދަނާ ފިޔަވަޅުތަކެއް އަޅައި އަމިއްލަ ޤައުމު ސަލާމަތް ކުރާ އެއްވެސް މީހަކު ޤާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ކަނޑައެޅިގެން ނުވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފަރަންސޭސިވިލާތުގެ ކުރީގެ އަސްކަރީ ވެރިޔާ އަދި ރަސްގެފާނު ނެޕޮލިއޮން ބޮނަޕާތު ވިދާޅުވެފައިވާ ބަސްފުޅުތަކެއް ތަކުރާރު ކުރައްވައިފިއެވެ. ޓްރަމްޕް، ބޮނަޕާތުގެ ބަސްފުޅުތައް ތަކުރާރު ކުރައްވާފައި ވަނީ އޭނާގެ ސޯޝަލް މީޑިޔާ ނެޓްވަރކް، ޓްރުތު ސޯޝަލްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައެވެ.

"އެ މީހެއްގެ އަމިއްލަ ޤައުމު ސަލާމަތް ކުރާ މީހަކީ އެއްވެސް ޤާނޫނަކާ ޚިލާފުވެފައިވާ މީހުން ނޫން،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ރިޔާސީ ޤަރާރުތަކުގެ ބާރުގެ ދަށުން އޭނާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ކުރިމަތިވަމުންދާ ނުރުހުމާއި ފިއްތުންތަކަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޓްރަމްޕް މި މޭރުމުން ވިދާޅުވުމާ ގުޅިގެން އޭނާއަށް ވަނީ އިތުރު ފާޑުކިޔުންތައް އަމާޒުވެފައެވެ.

ޓްރަމްޕަށް ފާޑުވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުން ހިމެނެއެވެ. "[ޓްރަމްޕް] ވާހަކަފުޅު ދައްކަވާފައި އެ ވަނީ ޙަޤީޤީ ޚުދުމުޚްތާރު ވެރިއެއްގެ ދުލުން،" އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓުގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ އެޑަމް ޝިފް ވިދާޅުވިއެވެ. ޓްރަމްޕް ތަކުރާރު ކުރައްވާފައި އެ ވަނީ، ފަރަންސޭސިވިލާތުގެ ވެރިކަން ފޭރިގަނެ، ތަޚުތައް އަމިއްލައަށް އިސްވި ބޮނަޕާތު 1804ވަނަ އަހަރު ވިދާޅުވެފައިވާ ބަސްފުޅެކެވެ.

ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ގެންދަނީ، ރައީސް ކަމުގެ މަޤާމުގެ ބާރު ބޭނުން ކުރައްވައި، ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ނަމަވެސް، ރިޔާސީ ޤަރާރުތަކުގެ ބާރުގެ ދަށުން އޭނާ އަޅުއްވަމުން ގެންދަވާ ގިނަ ފިޔަވަޅުތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ޓްރަމްޕްގެ ގިނަ ނިންމެވުންތައް ޤާނޫނާ ޚިލާފު ކަމުގައި ގިނަ ބަޔަކު ދަނީ ދަޢުވާ ކުރަމުންނެވެ. އަދި، ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ ބާރުތައް ކަނޑުވައިލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަކާލާތު ކުރެއެވެ.