ޙައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން، މިދައުރުގެ ތެރޭގައި ޙައްޖަށް ދިޔުމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ މިކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއެކު އަންނަ އަހަރު ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.
"އަހާ ފޯރަމް"ގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޙައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އަދި ރައީސްގެ އިރުޝާދުފުޅާއެކު ޙައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަށް އެކަށީގެންވާ ހެޔޮ ބަދަލެއް މިދައުރުގެ ތެރޭގައި އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
"ޙައްޖަށް މީހުންދިޔުމުގެ އަގު ކުޑަކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަސައްވުރެ ކަނޑައަޅުއްވައިގެން އޭގެ ދަށުން މަސައްކަތް އެބަކުރަމުންދޭ. މިއަދު މިވެނި ދުވަހެއްގައި ޙާސިލުވާނެޔޭ ދަންނަވަން ދަތި. އެހެންނަމަވެސް ރައީސް މުޢިއްޒުގެ މިދައުރުގެ ތެރޭގައި އިރާދަކުރެއްވިޔާ އެއަށް ހަރުދަނާ ހައްލެއް އަންނާނެ." ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޙައްޖު ކޯޕަރޭޝަނުގައި ޤާއިމުކޮށްފައިވާ ކިޔުގައި، 9000 މީހުން ތިބިކަން ސަރުކާރުން ފާހަގަކުރައްވައެވެ. އަދި ކޯވިޑާ ގުޅިގެން ޙައްޖަށް ގެންދިޔުމަށް އޮތް ދަތިކަން މިހާރު ނެތްކަން ފާހަގަކުރައްވާ އަންނަ އަހަރުން ފެށިގެން ކިޔުއަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށް އަންނަ އަހަރުން ފެށިގެން ލުއިތަކެއް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އަހާ ފޯރަމްގައި ވަޒީރުވަނީ މިވޭތުވެދިޔަ އަހަރުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޙާސިލުކޮށްފައިވާ މުހިންމުކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިދިޔަ އަހަރަކީ އެންމެ ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ފައިސާ ދެއްކި އަހަރުކަމަށާއި އެނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް ޒަކާތު ފަންޑުން އަދާކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިސްކިތް ތަރައްޤީކޮށް އާބާތުރަ ފިލުވުމަށް މިއަހަރުގެ ތެރޭގައިވެސް 40 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.