ޚަބަރު

ރަމަޟާން މަހު ތަކެތީގެ އަގުބޮޑުވިޔަނުދޭނަން: ވަޒީރު ސަޢީދު


  • އަގު އުފުލޭނަމަ ސަރުކާރުން އަގު ހިފަހައްޓަން މަސައްކަތް ކުރާނެ

  • އެއް ޤައުމުން މުދާ ނުލިބޭނަމަ އެހެން ޤައުމުތަކުންވެސް މުދާ ގެންނާނެ

ރާއްޖޭގައި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު %3 އަށްވުރެ ދަށުގައި މިހާރުވެސް މެނޭޖްކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހުވެސް ތަކެތީގެ އަގު ބޮޑުވިޔަ ނުދެއްވާނެ ކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އަހާ ފޯރަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ސަރުކާރުން ވަރަށް ރަނގަޅަށް ތަކެތީގެ އަގު މެނޭޖްކުރެއްވި ކަމަށާއި އެކަން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ. އެހެންވެ މިއަހަރުވެސް ރަމަޟާން މަހު އެގޮތަށް އަގުތައް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރުނު ރިޕޯޓަކަށް ރިޢާޔަތް ކުރައްވައި ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގައި ތަކެތީގެ އަގު %7 ހުރަސް ކުރާނެ ކަމަށް އެ ބޭންކުން ލަފާ ކުރި ނަމަވެސް ސަރުކާރުން ދުރާލައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް %3 އަށްވުރެ ދަށުގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށެވެ. އެގޮތުން، އަގުތަކާ ގުޅިގެން ޚާއްސަ ސިޔާސަތެއް އެކުލަވާލައްވަން ރައީސުލްްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އެންގެވި ކަމަށާއި އެ ސިޔާސަތު މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

"އަގު ބާޒާރުގައި ބޮޑުވެއްޖެނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތު އެއޮތީ އެކުލަވާލާފައި. އެއީ އެއްވާހަކަ. އެއާ ގުޅުންހުރި އަނެއް ވާހަކައަކީ، އެއީ ކިތައް އައިޓަމްތޯ. 183 އައިޓަމްގެ މައްޗަށް އެކުލެވިގެންވާ ލިސްޓެއް އެއީ. އޭގެ ތެރެއިން 54 ބާވަތް ރަމަަޟާން މަހަށް ޚާއްސަކޮށްގެން އަޅުގަނޑުމެން އިންނާނެ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައި،" އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރަމަޟާން މަހު އެއްވެސް އެއްޗެއްގެ އަގު ބޮޑުވާނަމަ ސަރުކާރުން އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"ފިޔާވެސް އެސްޓީއޯ މެދުވެރިކޮށް ޝިޕްމަންޓްތައް ގެންނަމުން އެދަނީ. އަގުހެޔޮ ކުރާނެ. އެއްތަނަކުން ނުލިބިއްޖެއްޔާ އެހެން ތަނަކުންވެސް ގެންނާނެ. މާނައަކީ އެއް ޤައުމުން ނުލިބިއްޖެއްޔާ އެހެން ޤައުމަކުންވެސް ގެންނާނެ، ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ އެއަރ ފްރައިޓްކޮށްވެސް އިރާދަކުރެއްވިއްޔާ ގެންނާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިއްސި ކަމަށްވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ރަމަޟާން މަހާ ގުޅިގެން ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ވިޔަފާރިތަކުންވެސް މަސައްކަތް ކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިތަކާ ދިމާވާނަމަ އެކަން ސަރުކާރާ ހިއްސާކުރެއްވުމަށްވެސް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވިއެވެ.