ޚަބަރު

ފިޓްނަސްއަށް އަހުލުވެރިކުރުވުމުގެ ޤައުމީ ހަރަކާތެއް ސުކޫލްތަކުގައި ފެށުމަށް މިދަނީ ތައްޔާރުވަމުން: ވަޒީރު ރާފިޢު


  • ތަޢުލީމީ ވުޒާރާއާ ގުޅިގެން މި ޕްރޮގްރާމު ހުރިހާ ސްކޫލެއްގައި ހިންގާނެކަމަށް ވަޒީރު ވިދާޅުވި

  • ހަށިހެޔޮ ރާއްޖެ ޕްރޮގްރާމްގެ ދަށުން 260 އަށްވުރެ ގިނަ ލީޑަރުން ވަނީ ތަމްރީނުކޮށްފައި

ފިޓްނަސް ހަރަކާތްތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ޤައުމީ ހަރަކާތެއް ސުކޫލްތަކުގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދުޅަހެޔޮ ސިއްޙަތަކަށް އަހުލުވެރިކުރުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ދުޅަހެޔޮ ސިއްޙަތަކަށް އަހުލުވެރިކުރުމުގެ ޤައުމީ ކެމްޕެއިނަކީ ރާއްޖޭގެ މުޖުތަމަޢުއަށް ނުހަނު ބޭނުންތެރި ކެމްޕޭނެއްކަމަށެވެ. ހަރަކާތްތެރި މުޖުތަމަޢުއަކަށް އެންމެންވެސް ބާރު އަޅަންޖެހޭ ކަމަށާއި ރަނގަޅު ކާނާ ކެއުމަށް ހިތްވަރުދީ ދުޅަހެޔޮ ދިރިއުމެއްގެ ސަޤާފަތެއް ބިނާ ކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދުޅަ ހެޔޮ ސިއްޙަތަކަށް އަހުލުވެރިކޮށްދީ ހަރަކާތްތެރިކަން އިތުރުކުރުމަށް އެންމެ ގުޅިގެން ކުޅިވަރުގެ ހަރަކާތްތައް އާލާ ކުރަން ޖެހޭކަމަށެވެ. މީގެ އިތުރުން މަސައްކަތް ކުރާ ތަންތަނާއި މުޖުތަމަޢުގައި ފިޓްނަސްއާއި ގުޅުން ހުރި ޕްރޮގްރާމްތައް ހިންގާ، ހަރާކާތްތެރިވުމުގެ މުހިންމުކަން އަންގައިދޭންޖެހޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނެންގެވުމާއެކު ދަރިވަރުން ފިޓްނަސްއަށް އަހުލުވެރިކުރުވުމުގެ ޤައުމީ ހަރަކާތެއް ސްކޫލްތަކުގައި ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި ތަޢުލީމީ ވުޒާރާއި މަޝްވަރާކޮށް ރާއްޖޭގެ ހުރިހާ ސުކޫލެއްގައި މިކަން ކުރަން މިހާރު ރޭވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ހަރަކާތުގެ ބޭނުމަކީ ޅަފަތުގައި ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާ ކުރުމަށްޓަކައި އެ އުމުރު ފުރައެއްގައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް އަހުލުވެރިކޮށް ދަސްކޮށްދޭން ޖެހޭ ކަންކަން ދަސްކޮށްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއީ ކުޅިވަރުގެ ދިރާސާތަކުގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަން ޖެހޭ ކަމެއް. މުޖުތަމަޢުގެ ކޮންމެ މީހެއްގެ ކިބައިން އަޅުގަނޑު އެދެނީ ސިއްޙީ ދުޅަ ހެޔޮކަން ޤާއިމްކުރުމަށް ފަރުދީގޮތުން ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުމަށް. އެގޮތުން ހިނގުން އިތުރުކޮށް ރަނގަޅު ކާނާ ކެއުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވެ އުޅޭ ދިރިއުޅުމެއް އުޅެން ޖެހޭ." ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާ ކުރުމަށް "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެއްކަމަށެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާތަނަށް 260 އަށްވުރެ ގިނަ ލީޑަރުން ތަމްރީނު ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލީޑަރުންނަކީ އެކި އެކި ފިޓްނަސް ޕްރޮގްރާމްތައް ހިންގާ މުޖްތަމަޢުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މުހިންމު މަންދޫބުންތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ރާފިޢު ވިދާޅުވީ ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް ކާމިޔާބު ކުރެވޭނީ އެންމެ ގުޅިގެން މަސައްކަތްކޮށްގެންކަމަށެވެ. އަދި ސިއްޙަތައް ކުރާ ކޮންމެ ހޭދައަކީ ދުޅަހެޔޮ މާދަމާއަކަށް ކުރެވޭ ބޮޑު އިންވެސްޓްމެންޓެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.