ޚަބަރު

ފެނަކައިގެ ދަށުން ހިންގަމުންދިޔަ ހުރިހާ އައިސްޕްލާންޓްތަކެއް މިފްކޯއާ ހަވާލުކޮށްފި


  • އައިސްޕްލާންޓްތައް ފުލް އޮޕަރޭޝަނަލް ކެޕޭސިޓީއަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުން

  • އިތުރު 9 ރަށެއްގައި އައިސްޕްލާންޓް ޤާއިމުކުރާނެކަން ރައީސް ވަނީ އިޢުލާންކުރައްވާފައި

ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުންދިޔަ 14 އައިސްޕްލާންޓް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯގެ ދަށަށް ބަދަލުކޮށްފިއެވެ. މި ކަމަށްޓަކައި އެ ދެ ކުންފުނީގެ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މިފްކޯއިން ވިދާޅުވީ، މި ހުރިހާ އައިސްޕްލާންޓެއް ފުލް އޮޕަރޭޝަން ކެޕޭސިޓީއަށް ގެނައުމުގެ މަސައްކަތް އެ ކުންފުނީގެ އިންޖިނިއަރުންނާއި ޓެކްނިކަލް މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މިފްކޯގެ ދަށަށް މި ޕްލާންޓްތައް ބަދަލުކުރުމުން އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ފުޅާވެފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވްއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހެވެ.

މިފްކޯގެ ދަށަށް ބަދަލުކުރި އައިސްޕްލާންޓްތަކަކީ ބަދަލުކޮށްފައިވާ ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، އަދި ގދ. ފިޔޮރީގެ އިތުރުން ސ. ހިތަދޫއެވެ.

މިދިޔަ ސަރުކާރުން 14 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކުރުމުން އެ ތަންތަން ހިންގުމުގެ ހަކަތަ ފެނަކައިގައި ނެތް ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި ގިނަ އައިސްޕްލާންޓްތަކުގެ އޮޕަރޭޝަން ހުރީ ހުއްޓިފައިކަންވެސް ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.

މަސްވެރީންނަށް އައިސް ލިބުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ މި އަހަރުގެ ތެރޭގައި ސަރުކާރުގެ ބަޖެޓުންނާއި ބޭރުގެ އެހީގައި އިތުރު އައިސްޕްލާންޓްތަކެއް ތަރައްޤީކުރައްވާނެކަން ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަހަރު ތެރޭ އިތުރު 9 ރަށެއްގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މި އަހަރުގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން، ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި، އަދި ސަޢޫދީ ފަންޑުގެ ލޯނުގެ އެހީގައި، ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު ހުރި އައިސްޕްލާންޓްތަކުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމާއި، އިތުރު އައިސްޕްލާންޓްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން 100 ދޯނީގައި އާރު.އެސް.ޑަބްލިޔު ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއްގެ ދަށުން ރަހުނަކާ ނުލައި، އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިޔަން ރުފިޔާއާ ހަމައަށް އާރު.އެސް.ޑަބްލިޔު ސިސްޓަމަކާއި، ޖަނަރޭޓަރަކާއި އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އާރު.އެސް.ޑަބްލިޔު ބޭނުންކުރަން ފެށުމުން މަސްވެރީން އައިސް ގަންނަން ކުރާ ދަތުރުގެ ޚަރަދު ވަރަށްބޮޑު ތަނުން ކުޑަވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.