ކުޑަކުދިން ކުށަށް އަރައިގަންނަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ފައްޓަވައިފިއެވެ. މިއަހަރުގެ ތެރޭގައި ދިރާސާ ނިންމައި ޝާޢިއުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ވިދާޅުވެއެވެ.
ރާއްޖޭގައި ކުށަށް އަރައިގަންނަ ކުދިންގެ ޢަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާއިރު، ކުދިން އެފަދަ ނޭދެވޭ ކަންކަން ކުރުން ނުވަތަ އެކަންކަމަށް ހުށަހެޅެން މެދުވެރިވާ ސީދާ ސަބަބުތައް ބެލުމަށް މީގެކުރިން ރަސްމީ ސިފައެއްގައި ދިރާސާއެއް ކުރެވިފައި ނުވެއެވެ. އެހެންނަމަވެސް 2020ވަނަ އަހަރު ޢަމަލުކުރަން ފެށި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މައްޗަށް މިފަދަ ދިރާސާއެއްކުރުމަށް ލާޒިމްކުރެއެވެ. އެހެންކަމުން މިހާރު މިމަސައްކަތް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި ގުޅިގެން ކުރުމަށްވަނީ މަސައްކަތް ފެށިފައެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ ޙައްވާ ޒިމްނާ ވިދާޅުވީ، މިދިރާސާގެ މަސައްކަތް ކުރުމަށް އައިޔޫއެމްއާއެކު އެއްބަސްވުމަކަށް އާދެވިފައިވާއިރު ޕްރޮޕޯސަލްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ފަންޑިންގ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޒިމްނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގިގެން މީގެކުރިން ނެތް މިފަދަ ދިރާސާއެއް ކުރެވިފައި. އެހެންނަމަވެސް މިޤާނޫނުން މިކަން ކުރުމަށް ލާޒުމްކުރޭ. އެގޮތުން އަޔޫއެމްއެމްއާއެކު ކުރެވޭ މަސައްކަތުން މިހާރު ޕްރޮޕޯސަލްގެ މަސައްކަތް ނިމިއްޖެ. އަދި މިއަހަރުގެ ތެރޭގައި މިދިރާސާގެ މަސައްކަތް މިއަހަރު ނިންމާ ޕަބްލިޝްކުރެވޭނެކަމަށް މިއުއްމީދުކުރަނީ" ޒިމްނާ ވިދާޅުވިއެވެ.
ކުޑަކުދިން ކުށަށް އަރައިގަތުން އިތުރުވަމުންދާއިރު، ގަސްތުގައި ކުދިން ބޭނުންކޮށްގެން ކުށްކުރާ ފަރާތްތައް މުޖުތަމަޢުގައި ތިބިކަން ކަމާ ބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރީގައި ޢުމުރުން 18 އަހަރުން ދަށުގެ ކުދިން ޝާމިލުކޮށްގެން ކުށަށް އަރައިގަންނަމުންދާކަން ކަމާ ބެހޭ އިދާރާތަކުން ފާހަގަކުރައްވައެވެ.
އެހެންކަމުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން، ކުށަށް އަރައިގަންނަ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ފުރުޞަތުއޮތް ކުދިން އެފަދަ ކަންކަމުން ރައްކާތެރިކުރުމުގެ ޒިންމާ ކަމާއި ގުޅުންހުރި ހުރިހާ މުވައްސަސާއެއްގެ މައްޗަށް މަތިކުރެއެވެ. އެހެންކަމުން ކުދިން މިފަދަ ކުށަށް އަރައިގަންނަން ޖެހޭ ސަބަބުތައް ދެނެގަނެ އެކަންކަން ހުއްޓުވުމަށް މިޤާނޫނު ބާރުއަޅުއްވައެވެ.