ރަސްފަންނާއި ސަލްޓަން ޕާކު ކުރިއަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކުގެ މިހާރު ހުރިހާލތާމެދު އެމަނިކުފާނު ހިތާމަކުރައްވާ ކަމަށެވެ. އަދި އެ ދެތަން ވީރާނާވަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ދެތަކަނީވެސް މާލޭގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިން ދެތަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއާއެކު ދެ ތަނުގެ އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިއަށް ވުރެވެސް، ފުރިހަމައަށް ތަރައްޤީކޮށް ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ހެދުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމުގައި ހުނެނެވި ދުވަސްވަރު އެ މިިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހައަކަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ. ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބޭވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތައް ބަހައްޓާފައިވެއެވެ. އަދި މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެނޭނެ އިންތިޒާމުތަކުގެ އިތުރުން އެތަނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން އެތަނުގައި ޕާކިންގ ޒޯނެއްވެސް ވަނީ ހަދާފައެވެ.
މީގެ އިތުރުން ސަލްޓަން ޕާކުވެސް އަލުން ތަރައްޤީކޮށްފައިވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހަމަ އެދުވަސްވަރުއެވެ. އެތަން ތަރައްޤީކޮށް ހުޅުވާފައިވަނީ 2017 ވަނަ އަހަރުއެވެ. ރަސްރަނި ބަގީޗާގެ ނަމުގައި އަލުން އެތަން ހުޅުވިއިރު، އެތަނަށްވެސް އޭރު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އެތަނުގައި ކުޑަކުދިން ޢާއިލާއާއެކީ އުފާވެރި ވަގުތުތަކެއް ހޭދަކޮއްލެވޭ ގޮތަށް ކުޅޭނެ ވަސީލަތްތަކާއެކު ތިން ޕާކެއް ތަރައްޤީކޮށްފައިވެއެވެ.
ރަސްފަންނާއި ސަލްޓަން ޕާކު ހުޅުވިތާ އަހަރުތަކެއް ވެފައިވާއިރު، އެ ދެތަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވާ ކަމީ އެތަންތަން ބޭނުންކުރާ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ތޮށްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްހަމަ ޖެހުމަށް ބޮޑު ޚަރަދުތަކެއް ކޮށްގެން ތަރައްޤީކޮށްފައިވާ އެ ދެތަނުގައި ޤާއިމްކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން ގިނަ ތަންތަން މިހާރު ބޭނުން ނުކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދެތަން ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޕާކެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހީރުއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން އެމަނިކުފާނު މިހާތަނަށް ވަޑައިގެންނެވި ގިނަ ރަށްތަކުގައިވެސް ކުޑަކުދިންނަށްވެސް އެމަނިކުފާނު ވަނީ އެ ވަސީލަތްތައް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.