ދެ އަހަރުގެ ކުށްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ކާފަ މަރުވެއްޖެއެވެ.
ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) މަރުވެފައިވަނީ ރޭ ދަންވަރު ވަގުތެއްގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސްއިން ވިދާޅުވެއެވެ.
ކަރެކްޝަންސްއިން ވިދާޅުވީ އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމްއިން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެހެންނަމަވެސް ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ 2:40 ކަށް ހާއިރު ކަރެކްޝަނަލް ސާވިސްއިން ވިދާޅުވިއެވެ.
މީނާއަކީ ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.
އިބްރާހިމް ދީދީ މަރުވުމާއި ގުޅިގެން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާކަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ.
ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އިބްރާހިމް ދީދީގެ އިތުރުން އެ ކުއްޖާގެ މުނިކާފަ ވެސް ހައްޔަރުކޮށް އުމުރު ދުވަހަށް ޖަލަށްލިއެވެ.
އެ ކުއްޖާގެ މުނި ކާފަ ހަސަން މޫސާ ދީދީ 85، ވެސް މަރުވެފައި ވަނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ މަރުވެފައިވަނީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެތެރޭގައެވެ. އޭނާއަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެކެވެ.