އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ފަށާފައިވާ "ހާލު ކިހިނެއް" ޕްރޮގްރާމްގައި މިހާތަނަށް 12000އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، ޙާލަތު ދެނެގަނެފައިވާކަމަށް ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވީ ރައްޔިތުން ޙާލަތު ގާތުން ދެނެގަތުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމް، ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށެވެ. މި ޕްރޮގްރާމްގެ ޒަރިއްޔާއިން، އާއްމު ދިރިއުޅުމުގެ ދަތިތަކާ ގުޅޭގޮތުން ވުޒާރާއާ މަޢުލޫމާތު ޙިއްސާކޮށް، ޙައްލު ހޯދުމުގެ ވަރަށް ފަހި ފުރުޞަތެއް ފަހިވެގެން ހިނގައްޖެކަމަށެވެ. ވަޒީރު ވިދާޅުވީ އަތޮޅުތަކުގައި ހާލުބެލުން ޕްރޮގްރާމް ފަށާ، މިހާތަނަށް ވަރަށް ގިނަ ރަށްތަކުން މަޢުލޫމާތު އެއްކޮށްފަވާކަމަށެވެ.
"12000އަށްވުރެ ގިނަ ގޭބިސީން މަޢުލޫމާތު އެއްކޮށްފިން. މިހާރު އަތޮޅުތަކުގެ 40 ރަށަކުން މަޢުލޫމާތު އެއްކޮށްފި. އަދި އިތުރު 30 ރަށަކުން މަޢުލޫމާތު އެއްކުރުން ކުރިއަށްދޭ." އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.
މީގެއިތުރުން މި މަޢުލޫމާތުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ޑޭޓާ ބޭސްއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިޖުތިމާޢީ ދާއިރާތަކުން އެހީތެރިކަން ދިނުމަށް ރަށްރަށުން މީހުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ "އިބަމަ" ޕްރޮގްރާމްގައިވެސް މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ތަމްރީންކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދީ ފެށި މަސައްކަތެކެވެ. މިއީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީ ޢާއިލީ ލޯބީގެ ތެރެއިން ބޮޑުވާ ކުދިންނަށް ހެދުމަށް ފަށާފައިވާ މަސައްކަތެކެވެ. ވަޒީރު ވިދާޅުވީ ދަޢުލަތުގެ ބެލުމުގައި ތިބި 67 ކުދިން މިހާތަނަށް އާއިލާއާއި ހަވާލުކޮށްފަވާކަމަށެވެ. އޭގެތެރޭގައި އަމިއްލަ އާއިލާއާއި ތިމާގެ މީހުން އަދި ފޯސްޓަރ ކުރި ޢާއިލާތަށް ހިމެނެއެވެ.
"ފޯސްޓަރއަށް ބޮޑު ތަރުޚީބެއް ދަނީ ލިބެމުން. ކުދިން ގެންދާ އާއިލާތަކުން ވަރަށް ރަނގަޅަށް ކުދިން ބަލާ. މިހާރުވެސް އިތުރު 35 ފަރާތަކުން، ކުދިން ބަލަން ބޭނުންވެގެން ހުށައަޅާފައި އެބައޮތް." އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.
ދަޢުލަތުގެ ބެލުމުގެދަށުގައި މިވަގުތުވެސް 139 ކުދިން އެބަތިއްބެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ އާއިލީ ލޯބީގެ ތެރެއިން ބޮޑުވާ ކުދިން އިތުރުކޮށް، ދަޢުލަތަށް ނެގޭ ކުދިންގެ ޢަދަދު މަދުކުރުންކަމަށެވެ.