ޚަބަރު

ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި


  • މަސައްކަތް ކުރީ އެމްޓީސީސީން

  • 650 މީޓާރުގެ ތޮއްޓެއްވަނީ ލާފައި

ރ.ކޮނޮޅަހު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް، އިމާރާތްކުރުމާ ބެހޭ ވުޒަރާއިން އެމްޓީސީސީއާއި ހަވާލުކޮށްގެން، ފެށީ 18 އޭޕްރިލް 2023ގައެވެ. ޢަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓްމަހުއެވެ.

މި މަޝްރޫޢުގައި ކުރިއަށްގެންދިޔައީ އެރަށުން ގިރާފަވާ ސަރަޙައްދަށް 19،780 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި 650 މީޓަރުގެ ތޮއްޓެއް ލުމުގެ މަސައްކަތެވެ. އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކޮށްފައިވަނީ ޖިއޯ ބޭގް ޖަހައިގެންނެވެ.

އާބާދީގައި 500އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކިނޮޅަހަކީ ބަނދަރުގެ ދަތިކަމުގެ މައްސަލަވެސް އިންތިހާއަށް ކުރިމަތިވަމުން އައި ރަށެކެވެ. އެގޮތުން ނެރުމައްޗަށް ވެލި އަރައި، ބަނދަރު ތިލަވުމުގެ މައްސަލައަކީ އެރަށަށް ވަރަށް ބޮޑަށް ކުރިމަތިވަމުން އައި މައްސަލައެކެވެ. އެހެންކަމުން އެރަށުގެ ބަނދަރު މައްސަލަ ޙައްލުކޮށް، އެރަށުގައި އާ ބަނދަރެއް ތަރައްޤީކޮށް ބޭނުންކުރަން ފެށީ 2023ވަނަ އަހަރުއެވެ.

އެ މަޝްރޫޢު ކުރިއަށްގެންދިޔައީ ސަރުކާރުން 46.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. މި މަސައްކަތްވެސް ކުރިއަށްގެންދިޔައީ އެމްޓީސީސީންނެވެ.