ޚަބަރު

ރަށު އެކްސްޕޯގެ ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް


  • މި އެކްސްޕޯ އޮންނާނީ މިމަހުގެ 13 އިން 15 އަށް

ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ޚާއްސަ "ރަށު އެކްސްޕޯ"ގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ރާއްޖެ އިޝްތިހާރުކުރާ މާކެޓިން އެންޑް ޕީއާރު ފާމެއްކަމަށްވާ "ދި ޓްރެވަލް ގައިސް"ގެ ފަރާތުން ބާއްވާ މި އެކްސްޕޯ އޮންނާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ. އަދި މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ، ގިނަ ރައްޔިތުންނާ ގުޅޭ މިފަދަ އެކްސްޕޯއެއްގައި ބީއެމްއެލްއަށް ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އެ ބޭންކަށް ލިބޭ ފަޚުރެއް ކަމަށެވެ. މިއީ ވިޔަފާރިތަކާ އާއްމުން ގުޅުވާލަދޭނެ މުހިއްމު އެކްސްޕޯއަކަށް ވެގެންދާނެކަށް އުއްމީދުކުރައްވާކަމަށް ނިމާލް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ ޢުމަރު ވިދާޅުވީ ރަށު އެކްސްޕޯގެ ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކު ދޭ އަހަންމިއްޔަތުކަމާއި އިސްކަން ހާމަވާކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭންކިންގ ޚިދުމަތް ދޭ ކުންފުނިން މި އިވެންޓުގައި ބައިވެރިވާކަމީ މި އެކްސްޕޯ އަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި އުފެދިގެން އަންނަ ކުންފުނިތަކާއި ރަށްރަށުގެ ތަރައްޤީއަށް ބީއެމްއެލްއިން އިސްކަންދޭކަމުގެ ހެއްކެއްކަމަށް ސަނީ އުމަރު ވިދާޅުވިއެވެ.

"ރަށު އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލް ހުންނާނެއެވެ.