ކުޅިވަރު

"ބެޑްމިންޓަން އެކެޑަމީތައް ހިންގަނީ އުސޫލެއް ނެތި ބޭނުން ގޮތަކަށް"


ރާއްޖޭގައި ބެޑްމިންޓަން އެކެޑަމީތައް ހަރަކާތްތެރިވާނެ އުސޫލެއް ނެތް ކަމަށާއި، އެއްވެސް ލިޔެކުމެއް ފެންނަން ނެތްކަމަށް ރިވައިވަލް ބެޑްމިންޓަން ކުލަބުގެ ފައުންޑަރ ޒަޔާން ޒަކީ ބުނެފިއެވެ.

ޕީއެސްއެމް "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ޒަޔާން ބުނީ އުސޫލެއް ނެތުމުގެ ސަބަބުން އެބަޔަކުން ބޭނުން ގޮތަކަށް އުޅެމުންދާ މަންޒަރު ފެންނަކަމަށާއި އެހެންނަމަވެސް އަތޮޅުތެރޭގައި ބެޑްމިންޓަން ކުރިޔަށްދާތަން ފެނުމަކީ އުންމީދީ މަންޒަރެއް ކަމަށެވެ.

ގޮންޖެހުންތައް ގިނަ ނަމަވެސް އަތޮޅުތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކުލަބުތަކާއެކު ކައުންސިލުތަކުން މަސައްކަތްކޮށްފި ކަމަށްވާނަމަ އެ މަންޒަރު ބަދަލުކުރެވިދާނެ ކަމަށް ޒަޔާން ބުންޏެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެފްއޭއެމްއަށް ރިކުއެސްޓްކޮށްގެން ގަލޮޅުދަނޑުގައި އަޅުގަނޑުމެންނަށް ފުޓްބޯޅަ ކުޅެވިދާނެކަމަށް، މާލޭގައި މި އޮންނަނީ ކުޅިވަރު އެކުވެނި އެކަނި. އަޅުގަނޑު ގަބޫލުކުރަން އެންމެ ފައިސާ ދައްކައިގެން ރަޖިސްޓާވާކަމުގައި ވާނަމަ އެތަން ބޭނުން ކުރުމުގެ ހައްގު އެންމެންނަށް އޮންނާނެ" ކަމަށް ޒަޔާން ބުންޏެވެ.

ރާއްޖޭގައި ބެޑްމިންޓަނުގައި ވެސް އާންމުކޮށް ފެންނަނީ ތިބި ކުޅުންތެރިން އެކުވެގެން ކުލަބަތަކަކަށް ކުޅޭތަން ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުލަބަތަކުން ކުރިޔަށްދިޔުމުގެ ވިސްނުން ނުގެންގުޅޭކަމަށް ޒަޔާން ބުންޏެވެ. ޒަޔާން ބުނީ ކަންކަން އެހެން ދިމާވާން ޖެހޭ ސަބަބަކީ ރާއްޖޭގެ ކުޅިވަރު ސިސްޓަމް ބައްޓަންވެފައިވާ ގޮތުން ފެއިލްވެފަވާތީ ކަމަށެވެ.

"ހުރިހާ ކުލަބަކަށް ވެސް މި ވާގޮތަކީ އިންތިހާބާ ދިމާކޮށް ވަރަށް ބޮޑަށް ޕޮލިޓިކްސް މީގެތެރެއަށް ވަދެފަ މިއޮންނަނީ، ކުލަބުތައް ރަންކުރަނީ އެހެން ގައުމުތަކުގައި ރަން ކުރާގޮތަކަށް ނޫން" ޒަޔާން ބުންޏެވެ.

ކުޅިވަރުގެ ކަންކަން ސިޔާސީ ގޮތުން ބޭނުން ކުރަން ފެށުމުން އޭގެ ނޭދެވޭ އަސަރު ކުޅިވަރުގެ ކުރިއެރުމަށް ފޯރާކަމަށް ޒަޔާން ބުންޏެވެ.

ރާއްޖޭގައި ކުޅިވަރުގައި ކުރިޔަށްދެވޭނީ މިހާރަށްވުރެން ބޮޑަށް އަތޮޅުތެރޭގެ ކުލަބުތަކަށް ފުރުސަތުދީގެން ކަމަށް ޒަޔާން ބުންޏެވެ. ކުލަބުތައް ގިންތިކުރެވެންޖެހޭ ކަމަށާއި ބައެއްކަހަލަ ކަންކަންކަމުގައި ރެކްރިއޭޝަން ކުލަބުތަކާއި ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކުލަބުތައް ހަމަހަމަކަން ދިނުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫންކަމަށެވެ.

ބެޑްމިންޓަންގައި އިސްކަންދޭ ތަރުތީބެއް ނެތްކަމުގައި ވާނަ އެއްގަޑިއަކަށް ކޯޓުދޭން ކުލަބަތަކަށާއި އެކަޑީމީތަކަށް ޑިމާންޑް ކުރެވިގެންދިޔުން އެއީ މިހާތަނަށް ފާހަގަވެފައޮތް މައްސަލައެއްކަމަށް ޒަޔާން ބުންޏެވެ.

"އެކަޑަމީއެއްގެ އުސޫލެއް ބެޑްމިންޓަން އެސޯސިއޭޝިއަންގެ ހިންގާ ގަވާއިދުގައި ނުވެސް އޮވޭ، އަޅުގަނޑުމެންނަށް ވެސް ނޭންގޭ ކިހިނެތްކަމެއް ހިންގަން ޖެހެނީ، ތިން، ހަތަރު ފަހަރު ސިޓީ ލިޔަސް ޖަވާބެއް ނާދޭ" މިވަގުތު ބެޑްމިންޓަން ހުރި ދަތިތަކާއި ގުޅޭގޮތުން ޒަޔާން ބުންޏެވެ.

މި އުސޫލުތައް ބަދަލުކުރެވޭނީ ކުޅިވަރާ ބެހޭ މިނިސްޓްރީން މިކަންކަން ބެލުމަށްފަހު ޕޮލިސީ ލެވެލްގައި ވާހަކަ ދެކިވިގެންކަން ޒަޔާން ފާހަގަކުރިއެވެ.

ފަހަކަށް އައިސް ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގުމުގެ ބޮޑެތި މައްސަލަތައް ފާހަގަކޮށް އެސޯސިއެޝަންގެ ވެރިންގެ މައްޗަށް ވަނީ ކަރަފްޝަނުގެ ތުހުމަތުތަކެއް ކޮށްފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ބަލަމުން ދާއިރު މިވަގުތު އެސޯސިއެޝަނުގެ ހުރި މައްސަލަތައް ހައްލުކޮށް ބެޑްމިންޓަން އެސޯސިއޭޝަން އަލުން އިއާދަކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.