ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރެއިން ޝަރީޢަތުގެ އަޑުއެހުންތައް ލަސްވާ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުންމަސައްކަތް ކުރައްވަމުންދާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބް މިހެން ވިދާޅުވީ އިންގިރޭސި ހައިކޮމިޝަނަރ ބަންޑާރަ ނައިބް އޮފީސް ގުޅިގެން އަންލޮކިން ޖަސްޓިސްގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެނެވެ.
ކުރުނބާ ރިސޯޓުގައި އަންލޮކިންގް ޖަސްޓިސް ނަމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ، ޖިނާޢީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ނިޒާމީ ގޮތެއްގައި ހުރި މައްސަލަތައް ދެނެގަތުމަށް ހެދުނު ދިރާސާގެ ހޯދުންތަކުގެ މަޢުލޫމާތުތައް ދިނުމަށް ބޭއްވުނު ހަރަކާތެކެވެ. މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނު އަދި ސުޕްރީމް ކޯޓާއި މަތީ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ބަންޑާރަ ނައިބު އަހުމަދު ޢުޝާމް، ޕޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އަދި އަދުލުއިންސާފުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުޢައްސަސަތާކައި އިދާރާތަކުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ އަދުލު އިންސާފު ޤާއިމްކޮށް ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކު އިންސާފު ލިބޭކަން ކަށަވަރުކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިސްކަމެއް ދެއްވާކަމެއްކަން ފާހަގަކުރައްވާފައެވެ. ބަންޑާރަ ނައިބު ވާހަކަފުޅުގައި ޖިނާޢީ އަދުލުގެ ނިޒާމުގައި ތެރޭގައި މައްސަލަތައް ލަސްވުމުގެ ކަންބޮޑުވުން އޮތްކަންވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސް، މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
" މިކަންކަން އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި ޤާނޫނީ ރަނގަޅު އޮނިގަނޑެއް ނެތުމާއި، އެކަށީގެންވާ ވަސީލަތް ނެތުން ހިމެނޭ. މިކަންކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް ޖިނާޢީ އިޖުރާތުގެ ޤާނޫނުގެ ތެރެއަށް ރަނގަޅު ކަފާލާތުގެ ނިޒާމެއް ވަނީ އެއްކުރެވިފައި. މީގެ އިތުރުން ކޯޓުތަކަށް އިތުރު ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. މިކަމުން ކޯޓުތަކުގެ އަޑުއެހުންތައް ލަސްނުވެ ކުރިއަށްދާނެކަން ކަށަވަރުކޮށް ދޭނެ. " ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އިންގިރޭސި ސަފީރު ނިކް ލޯ ވަނީ، ދިވެހި ސަރުކާރުން އަދުލުގެ ނިޒާމުގެ ހަރުދަނާކުރުމަށް މުހިންމު މަސައްކަތެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ނިޒާމަށް ގެންނަވަން ކަނޑައަޅުއްވާފައިވާ ބަދަލުތައް އިއުލާން ކުރެއްވިކަން ފާހަގަކޮށް އެކަމަށް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި މިނިޒާމަށް ދިރާސާގެ ތެރެއިން ފާހަގަވި ބަދަލުތައް ގެނެވިއްޖެނަމަ އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
" އަޅުގަނޑުމެންގެ ތަޞައްވުރާއި އެއްގޮތަށް މި ނިޒާމަށް ބަދަލުތައް ގެނެވިއްޖެ ނަމަ މީގެ ވަރަށް ބޮޑެތި ފާއިދާތަކެއް ކުރާނެ. މީގެ ސަބަބުން އާންމުންގެ އިތުބާރު ނިޒާމަށް ބޮޑުވެގެންދާނެ. އަދި ރާވައިގެން ހިންގާ ކުށްތައް، ހުއްޓުވުމަށް މިޔައްވުރެ ބޮޑު ހަތިޔާރެއް ނޯންނާނެ. " އިންގިރޭސި ސަފީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން ޕެނަލް ޑިސްކަޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އަދުލުގެ ނިޒާމުގެ އިސްލާހައް އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށާއި، މި ނިޒާމުގެ ތެރެއިން ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން ދިރާސާގެ އަލީގައި ފާހަގަ ކުރެވުނު ކަންކަން ވަނީ ހުށަހަޅާފައެވެ. މި ދިރާސާގެ ސަބަބުން ރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ޤަބޫލުކުރެއެވެ.