މިނިވަން މުއައްސާތަކާއި ޝަރުޢީ ދާއިރާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ދެ އަހަރުު ދުވަހަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.
އެމަނިކުފާނު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރަ 12000 ރުފިޔާއިން މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމާ މެދު މަޖިލީހުން ދެކޭގޮތެއް ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ އިތުރުން ޝަރުޢީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށްވެސް މަޖިލީހަށް ފެނިވަޑައިގަންނަވާކަމަށްވާނަމަ އެކަމުގައިވެސް މަޖިލީހުން ނިންމާގޮތެއް އަންގައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށްޓަކައި ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.
މިއަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުއްްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ބަޖެޓުގައި އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާކަމަށް ކަނޑައެޅުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުސާރަތައް ކުޑަކުރުމަށް ނިންމަވާފައިވާ ދާއިރާތަކުގައި ހިމެނޭ އަސާސީ މުސާރައިގެ ގޮތުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރައްވާނެކަމަށެވެ.