ދައުލަތުގެ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރަކަށް އައްޔަން ކުރެއްވި ޠާރިގު އިބްރާހީމަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. މި މައްސަލަ ދިރާސާކުރުމަށް ފޮނުވައިވަނީ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަތުރުވެރިކަމާބެހޭ ވުޒާރާއާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ އެއްކުރައްވައި އެ ވުޒާރާގެ ވަޒީރަކަށް ޠާރިޤް އިބްރާހީމް، އައްޔަން ކުރެއްވީ މި މަހުގެ 1ވަނަ ދުވަހުއެވެ. އޭރު ވަޒީރު ޠާރިގު ހުންނެވީ ތިމާވެށްޓާބެހޭ ވަޒީރުގެ މަގާމުގައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ އަދި ފަތުރުވެރިކަމާބެހޭ ވުޒާރާ އެއްކޮށްލާފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ފައިޞަލް އެ އެމަޤާމުން މިދިޔަ މަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ.
ޤާނޫނުގައިވާގޮތުން ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްފަހު އެ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ހުށަހަޅަންޖެހެއެވެ. ވަޒީރުންނަށް ޤާނޫނީ ބާރުވެރިން ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
މި ބަދަލާ ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވުޒާރާގެ ދަށުން ހިނގަމުންދިޔަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހަކީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
މީގެ އިތުރުން އެހެން ބައެއް ވުޒާރާތަކުގެ މަސައްކަތަށް ގެންނެވި ބަދަލުތައް ދިރާސާކުރުމަށްވެސް ވަނީ ކޮމިޓީއަށް ފޮނުއްވާފައެވެ. އެގޮތުން މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއާއި، ސިއްޙީ ވުޒާރާގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަވައި، މަސައްކަތުގެ ދާއިރާތައް އަލުން އެކުލަވާލާފައިވާތީ އެ ބަދަލުތައް ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ. އެ މަސައްކަތްތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.